އެކްސްޕިރިއެންސް މޯލްޑިވްސްގެ ނަމުގައި މެލޭޝިއާގައި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތެއް ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅިގެން ޓައިޕްރައިޓާ ކުންފުނިން އިންތިޒާމުކޮށްގެން ބާއްވާ އެ ހަރަކާތް ފަށާފައިވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ ހަރަކާތަކީ ރާއްޖޭގެ ޘަގާފަތާއި ދިވެހި ޓޫރިޒަމް އިސްތިހާރު ކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތެކެވެ.

އެ ހަރަކާތުގެ ދަށުން މިމަހުގެ ހަ ވަނަ ދުވަހު މެލޭޝިއާގެ ޔުނިވާސިޓީ އޮފް ނޮޓިންހަމް މެލޭޝިއާ ކެމްޕަސްގައި ބޭއްވި ފުރަތަމަ ހަރަކާތުގައި އެ ކެމްޕަހުގެ ދަރިވަރުންނަށް ހުޅުވާލައިގެން ވަނީ ބޮޑެބެރާއި ދިވެހި މިއުޒިކް އަދި ދިވެހި ޘަގާފީ ނެށުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

އެ ހަރަކާތުގެ ތެރެއިން ނެގު ގުރުއަތުލުމެއްގެ ތެރެއިން ހޮވުނު ދަރިވަރަކަށް ވަނީ ރާއްޖޭގެ ކުރެއްދޫ ރިސޯޓު އެންޑް ސްޕާގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދީފައެވެ. އެ ދަތުރަކީ ޓައިޕްރައިޓާ ކުންފުންޏާއި، ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު، ޣަނިއްޔާ އަބްދުލް ޣަފޫރު ދެއްވި އިނާމެކެވެ.

މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ ހަރަކާތް އެގައުމުގައި ހުންނަ ހަތަރު ޔުނިވާސިޓީއެއްގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާއިރު، ކޮންމެ ޔުނިވާސިޓީއަކުންވެސް ނަގާ ގުރުއަތުލުމަކުން ހޮވޭ ދަރިވަރަކަށް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދޭން ވަނީ ހަމަޖައްސާފައެވެ.

ހަރަކާތުގެ ފަހު ދުވަހު، މާޗް 11 ވާ ބުދަ ދުވަހު މެލޭޝިއާގެ ޓޫރިޒަމް ސެންޓަރުގައި ބާއްވަން ހަމަޖައްސާފައިވާ އިވެންޓަކީ އެ ހަރަކާތުގެ އެންމެ ފަހު އަދި އެންމެ ޝަރަފުވެރި ހަރަކާތެވެ. އެ ދުވަހު ބާއްވަނީ މިއުޒިކާއި ފަންނު އަދި ދިވެހި ކެއުމާއި ޘަގާފަތް ދައްކާލުމުގެ މައުރަޒެކެވެ. އެ މައުރަޒަކީ އެއް ދުވަހުގެ މައުރަޒެކެވެ.