މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އާ ގުޅިގެންޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)އިން މި އަހަރު ޚާއްސަ ކެޕޭސިޓީ ބިލްޑިންގް ސެޝަން ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

"ޕާޓާ އެކެޑެމީ"ގެ ނަމުގައި، ޕާޓާއިން ކޮންމެ އަހަރަކު ވެސް ދެފަހަރަކު ޚާއްސަ ނެޓްވޯކިންގް ވޯކްޝޮޕްތަކެއް ބާއްވަ އެވެ. ބެންގްކޮކްގައި ހުންނަ ޕާޓާގެ އޮފީހުގައި ބާއްވާ ޕާޓާ އެކެޑެމީގެ ބައްދަލުވުންތަކަށް ގިނަ އަދަދެއްގެ ބަޔަކު ބެންގްކޮކަށްދެ އެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް މީގެ ކުރިން "ސަން"އަށް ވިދާޅުވި ގޮތުގައި، މި ހަރަކާތް މިއަހަރު މާލޭގައި ބޭއްވުމަށް ޕާޓާ ޖަމިއްޔާގެ ކިބައިން އެދުމުން، އެޖަމިއްޔާ އިން ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

ޖަރުމަނުގެ ބާލިންގައި މިއަދު ފަށާ އައިޓީބީ ފެއާގެ ހަވާސާގައި އިއްޔެ އޮތް ޕާޓާ ޗެޕްޓާ ބައްދަލުވުމުގައި، މަޓާޓޯއާ ގުޅިގެން ޕާޓާ އެކެޑަމީގެ ސެޝަނެއް މިއަހަރު ރާއްޖޭގައި ބޭއްވުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް މުނާޒްއާއި، ޕާޓާގެ ސީއީއޯ ޑރ. މާރިއޯ ހާޑީ އެވެ.

ޕާޓާ އެކެޑެމީ އޮންނާނީ ޖުލައި މަހު މާލޭގައި ބާއްވާ ޓީޓީއެމް ފެއާގެ ތެރެއިން --- ފޮޓޯ/ މަޓާޓޯ

ޕާޓާ އެކެޑެމީގެ ސެޝަނެއް ރާއްޖޭގައި މި އަހަރު ބާއްވަނީ، މޯލްޑިވްސް ގެޓްއަވޭޒްއިން އިންތިޒާމުކޮށް، ޖުލައި 12 އަދި 13 ވަނަ ދުވަހު، ދަރުބާރުގޭގައި ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާގަ އެވެ. މާޓާޓޯއަކީ ޓީޓީއެމް ފެއާގެ އެސޯސިއޭޓް ޕާޓްނަރެކެވެ.

ރާއްޖޭގައި ބާއްވާ ޕާޓާ އެކެޑެމީ ސެޝަން ބިނާވާ މައުޟޫއަކީ "ދަ އާޓް އޮފް ސްޓޯރީ ޓެލިން" ނުވަތަ ވާހަކަ ކިޔައިދިނުމުގެ މައުޟޫއެވެ. މިއީ ޓްރެވަލް ބްލޮގަރުންނަށް އަމާޒުކޮށް ބާއްވާ ސެޝަނެކެވެ.

މާޓާޓޯއިން ގުޅިގެން ޕާޓާ އެކެޑަމީ ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން، ޕާޓާގެ ސީއީއޯ ޑރ. މާރިއޯ ހާޑީ ވިދާޅުވީ މަޓާޓޯއާ ގުޅިގެން މި ހަރަކާތް ބޭއްވޭތީ އުފާކުރާ ކަމަށެވެ. އަދި ރާއްޖޭގައި ބާއްވާ ޕާޓާ އެކެޑެމީގެ މައުޟޫއަކީ މީގެ ކުރިން ގިނަ ބަޔަކު ބަލައިގެންފައިވާ މައުޟޫޢެއް ކަމުން، ރާއްޖޭގައި ބާއްވާ ސެޝަނުގެ ކާމިޔާބީ މިހާރު ވެސް ވަޒަންކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކެޕޭސިޓީ ބިލްޑިންގް އަދި ނެޓްވޯކިން ސެޝަނަށް ވާ އިރު، މިކަމަށް ކުރެވޭ އުންމީދު ވަރަށް ބޮޑެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް އެކިއެކި ފުރުސަތުތައް ހޯދައި ބެލުމަށާއި އާ ޚިޔާލުތަކާއި އައިޑިއާތަކެއް ހޯދުމަށް ރަނގަޅު ފުރުސަތެއް ކަމަށް ގިޔާސް ވިދާޅުވި އެވެ.

ރާއްޖޭގައި ބާއްވާ ޕާޓާ އެކެޑެމީގެ ސެޝަނުގައި ބައިވެރިވެ، ތަގުރީރު ކުރައްވާނެ ބޭފުޅުންގެ ތެރޭގައި ޕްރޮފެޝަނަލް ޓްރެވަލް ބްލޮގަރސް އެސޯސިއޭޝަންގެ ރައީސް މެޓް ގިބްސަން،ސްކޮޓް އެކްސްޕީރިއެންސް ޑިޒައިންގެ ފައުންޑަރ ޑުންގް ޑެންގް، ޓްރިޕް ޑޮޓް މީގެ ހެޑް އޮފް ގްރޯތު ޓްރެވަރ ވެލްޓްމަންއާއި، ހޮޓްހެޑްސްގެ ޗީފް ހޮޓްހެޑް ސްޓޫ ލޯއިޑް ހިމެނެ އެވެ.

މިއަދުގެ ވަގުތެއްގައި ބާލިންގައި އައިޓީބީ ފެއާ ފަށާ އިރު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއާ ގުޅޭ ޚާއްސަ ބައެއް ކަންކަން އެ ފެއާގެ ތެރޭގައި ލޯންޗުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މަޓާޓޯގެ އިތުރުން ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިންގް އޭޖެންސީ މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ވެސް ދަނީ އައިޓީބީގައި ބައިވެރިވަމުންނެވެ.