ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކަށް އަންހެނުން އައުމުގެ ފުރުސަތު ރާއްޖޭގައި އެބަ އޮތް ކަމަށާއި، އެ ފުރުސަތު ހޯދުމަށް ހީވާގިކަމާ އެކު މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރެހެނދި އެވޯޑު ދިނުމަށާއި، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ އަންހެނުންނަކީ އެންމެ މުހިންމު މަސައްކަތްތައް ޒަމާނުއްސުރެ ކުރަމުން އައި ބައެއް ކަމަށާއި، ނަމަވެސް އެކަންކަމަށް ރަސްމީ ހައިސިއްޔަތު ދެވެމުން އައިސްފައި ނުވާ ކަމަށެވެ.

"ޖީޑީޕީ ހިސާބުތަކުގެ ތެރޭގައި ރަސްމީ މަސައްކަތުގެ ގޮތުގައި ނުހިމެނޭތީ، ގޭގޭގެ ބަދިގޭގައި އަވަދިނެތި، މަސްވެރިން މަސް ބާނައިގެން އައިމަ މަސް ހިއްކައި، ކޮށްދިން ޚިދުމަތުގެ މަތިން ހަނދާން ހުރޭތޯ،" ރައީސް ސުވާލު އުފެއްދެވިއެވެ.

ރައީސް ވިދާޅުވީ އަންހެނުންނަށް ރަސްމީ ވަޒީފާއެއް ރާއްޖެއަށް އެންމެ ފުރަތަމަ ލިބުނީ 1952 ވަނަ އަހަރުގެ ތެރޭގައި، ސަރުކާރުގެ އޮފީހެއްގެ ކާތިބާކަމުގެ ވަޒީފާއާ އެކުގައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، މީގެ 20 އަހަރު ކުރީގައި ދުނިޔޭގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގައި އަންހެނުންގެ ނިސްބަތް 11 ޕަސަންޓުން 22 ޕަސަންޓަށް ކުރިއަރާފައިވާ ކަމަށެވެ. އަދި ގައުމުތަކުގެ ވަޒީރުންގެ މަޖިލީސްތަކުގައި އަންހެނުންގެ ނިސްބަތަކީ 17 ޕަސަންޓު ކަމަށް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ވެސް ހީވާގިކަމާ އެކު މަސައްކަތް ކުރައްވާ އަންހެނުންނަށް އެ ފުރުސަތު އެބައޮތް ކަމަށެވެ.

"މި ފުރުސަތު ރާއްޖޭގައިވެސް އެބައޮތް. ހީވާގިކަމާ އެކު މަަސައްކަތް ކުރައްވާށޭ. 1952 ގައި ކާތިބާ ކަމުން ފަށައި، މިއަދު ރާއްޖޭގައި ވެސް އަދި ދުނިޔޭގައިވެސް 17 ޕަސަންޓާ ހަމައަށް އަންހެނުންނަށް ވަޒީރުކަމަށް އާދެވޭ،" ރައީސް ވިދާޅުވިއެވެ.

މިނިސްޓަރު ޒެނީޝާއަށް ތައުރީފު

ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ މިސާލަކަށް ނަންގަވައި، ރައީސް ޔާމީން ވިދާޅުވީ އެކަމަނާއަށް ޖެންޑަރ މިނިސްޓަރުގެ މަގާމު ދެއްވުމަށް ނިންމެވީ އެކަމަނާއަކީ ހައްގުތައް ހިމާޔަތް ކުރެއްވުމަށް އަމިއްލަފުޅު ޖަމިއްޔާއެއް ހިންގަވާ ފަރާތަކަށް ވެ، އެކަން އަމިއްލަ ޕެޝަނެއްގެ ގޮތުގައި ކުރިޔަށް ގެންދެވި ބޭކަނބަލަކަށް ވީތީ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވުނީ މަގާމެއް މީހަކާ ހަވާލުކުރާ އިރު. ިންމާދާރުކަމާއި މަސްއޫލިއްޔަތަކީ އެއްކަމެއް. އަނެއް ކަމަކީ އެކަމެއް ކުރުމުގެ ޕެޝަން، އުންމީދުތަކާ ކެރުމާއި، އަމިއްލައަށް އެކަން ކުރުމުގެ މިންވަރު ދައްކުވައިދީފައި ހުރި މީހަކަށް މަގާމު ހަވާލުކޮށްފިކަމަށް ވިއްޔާ އެކަން އެކަށީގެންވާ ގޮތަށް ކުރާނެއޭ،

"މި މަގާމަށް ޒެނީޝާ ހަމަޖެއްސުމަށް އަޅުގަނޑު ވިސްނީ އަމިއްލަފުޅަށް އާކް ޖަމިއްޔާގެ ތެރެއިން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖެންޑަރ މިނިސްޓަރުކަމަށް އެމަނިކުފާނު ޚިޔާރުކުރެއްވި ޚިޔާރުކުރެއްވުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

"މިއަދުވެސް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު ޑިސަޕޮއިންޓެއް ނުވެއޭ އެ ޗޮއިސްއާ ދޭތެރޭގައި. އަޅުގަނޑު އަދިވެސް އުންމީދު ކުރަނީ އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ކަމަނާ ފަށްޓަވާފައިވާ މަސައްކަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާވެގެން ދިއުމާ އެކީ، ސަރުކާރުގެ ހުރިހާ ދާއިރާއަކުން އެއްބާރުލުން ލިބިގެން އަންހެނުންގެ ހައްގުތަކާއި އަންހެނުންގެ ދައުރު މިހާރަށް ވުރެ އިތުރަށް ފެތުރިގެން ދިއުން،" ރައީސް ޔާމީން ވިދާޅުވިއެވެ.