ނަސަންދުރަ ޕެލަސް ހޮޓެލް ހިންގާ ގެލެކްސީ އެންޓަޕްރައިސަސް މޯލްޑިވްސްގެ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ދެލައްކަ އަށް ވުރެ ގިނަ ޑޮލަރު އެއް މަސްދުވަހުގެ ތެރޭ ދައްކައި ހަލާސްކުރުމަށް ކޯޓުން ގެލެކްސީގެ މައްޗަށް މިއަދު ހުކުމްކޮށްފި އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ހުކުމް އިއްވަވަމުން ވިދާޅުވީ، ގެލެކްސީގެ ފަރާތުން ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ދައުވާކުރާ ފައިސާއަކީ ދައްކަން ޖެހޭ ފައިސާ ކަމަށް ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން، ގެލެކްސީ އަށް އަށް ނަސަންދުރާ ކުއްޔަށް ދިނުމުގެ އެގްރިމެންޓްގައިވާ ގޮތުގެ މަތިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޮތުގައި މިހާތަނަށް ނުދައްކާވާ 200،000 ޑޮލަރާއި އަދި މުއްދަތަށް ކުލި ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 65،050 ޑޮލަރު މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭ ދައްކައި ހަލާސް ކުރުމަށް ގާޒީ ހުކުމް ކުރެއްވި އެވެ.

މީރާގެ ދައުވާ އަށް ޝަރީއަތުގައި ގެލެކްސީން ދެކޮޅު ހަދައިދައެއް ނުވެ އެވެ. އެކުންފުނިން އެދިފައިވަނީ އެ ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށެވެ.

ސީއެސްއާރުގެ ގޮތުގައި ހަރަދު ކުރުމަށް ހުށަހަޅާ އަދަދަށް 10 ޕަސެންޓް މާކްސް ނަސަންދުރައިގެ ބީލަމުގައި ކަނޑައަޅާފައި އޮތެވެ. އެ ބީލަމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ސީއެސްއާރަށް އެންމެ ބޮޑު އަދަދެއް ހުށަހެޅީ ވެސް ގެލެކްސީންނެވެ.

މީގެ އިތުރުން، ނަސަންދުރާގެ ކުލި މުއްދަތަށް ނުދައްކާއިރު އެތަނުގެ ކުލި ވަނީ ގާނޫނަށް އައި ބަދަލަކާ ގުޅިގެން 90 ޕަސަންޓަށްވުރެ ކުޑަވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގެލެކްސީން ނަސަންދުރަ ކުއްޔަށް ހިފީ މަހަކު 883،970.5 ރުފިޔާގެ ކުއްޔަކަށެވެ. އެހެންނަމަވެސް، ކުލީގެ އަގު މިހާރު ވަނީ 30،000ރ. އަށް ވެއްޓިފަ އެވެ.