އަންހެނުންނަށް ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމާއި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި ފިރިހެނުންގެ އަޒުމާއި ކެރުންތެރިކަން ހުންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމާއި، ރެހެނދި އެވޯޑު ދިނުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ މުޖުތަމައުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި އަންހެނުންނަށް ކަންކަން ތަނަވަސްކޮށްދިނުމުގެ ހިތްވަރު ފިރިހެނުންގެ ހުންނަން ޖެހޭ ކަމަށެވެ.

"އަންހެނުންނަށް ހުރިހާ ކަމެއް ތަނަވަސްކޮށްދިނުމުގެ ފުރުސަތު އަޅުގަނޑުމެން ފިރިހެނުންގެ ހުންނަންވީ. ކޮންމެ ފުރުސަތަކީ އޭގެ ނަތީޖާގެ ގޮތުން މުޖުތަމައުގެ އޭގެ ސަބަބުން އެތައް ފައިދާތަކެއް ހާސިލު ކުރާނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވަޒީފާ އަދާކުރާ އިރު އަންހެނުންނަށް ރާއްޖޭގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ، ރާއްޖޭގައި އަންހެނުންނަށް މަސައްކަތް ކުރުމުގެ ފުރިހަމަ އެއްބާރުލުމާ ތާއީދު ސަރުކާރުން ދޭނެ ނަމަވެސް، އަންހެނުންނަށް މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ތެރޭގައި ތަފާތުކުރުންތައް އަދިވެސް އެބަހުރި ކަމަށް ކަމަށެވެ.

"މަސައްކަތުގެ ދާއިރާގައި އަދިވެސް ތަފާތުކުރުންތަކެއް އެބަހުރިކަން ލަދުވެތިކަމާ އެކު ގަބޫލުކުރަން ޖެހޭ. އަދި އަންހެނުން މަސައްކަތުގައި އުޅޭ އިރު ފުރައްސާރަކުރުމާއި، ހިތާމައާ ކުރިމަތިލާންޖެހޭކަން ލަދުވެރިކަމާ އެކު ގަބޫލުކުރަން ޖެހޭ،"

ރައީސް ވިދާޅުވީ މިކަންކަން ނެތި ދާންޖެހޭ ކަމަށާއި އެކަންކަން ނައްތާލުމުގެ އަޒުމާއި ހިތްވަރާއި ކެރުންތެރިކަން ފިރިހެނުންގެ ވެސް ހުންނަން ޖެހޭ ކަމަށެވެ.

"ހަމައެކަނި ގާނޫނުގައި ލިޔާ މާއްދާއަކުންނެއް މިކަންކަން ނައްތައެއް ނުލެވޭނެ. ފިރިހެނުންގެ އަޒުމާއު، ހިތްވަރު، ކެރުންތެރިކަން ހުންނަންވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ފިރިހެނުން އަންހެނުންނާ ދޭތެރޭ ގެންގުޅޭ ކަމޭހިތުމުގެ ރޫހަކީ އިންސާނީ ކުލުނުގައި ހިމެނޭ ކަންކަން ކަމުގައިވީ ނަމަވެސް، ގެވެށި އަނިޔާގެ ވާހަކަތައް މަދުން ނަމަވެސް ދަނީ އަޑުއިވެމުންނެވެ. ރައީސް ވިދާޅުވީ ގާނޫނު ހަދައި، އަދަބު ދީގެންވެސް އެކަންކަން ކޮންޓްރޯލް ކުރެވެން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ފިރިހެނުންގެ ހުރި ފޯރާކަން ދެއްކޭނީ އެމީހުންގެ އާއިލާއާއި މުޖުތަމައުގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިންނާ މެދު އޭނާ ކަންކަން ކުރާ ގޮތުން ކަމަށެވެ.

"މި މޮޓޯ ގަބޫލުކުރާ ނަމަ ފިރިހެނުންނަކީ އަންހެނުން ކުރާ މަސައްކަތަށް އެހީވެ، ވާގި ދޭ ބަޔަކަށް ވެވޭނެ،" ރައީސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުންނަށް ރެހެނދި އެވޯޑު މިއަދު ދީފައިވާ އިރު، އެ އެވޯޑު މިއަހަރު ހަތަރު ފަރާތަކަށް ލިބިފައިވެ އެވެ. އެއީ ސިޔާސީ ދާއިރާއިން އެމްޑީއޭގެ އަންހެނުންގެ ގޮފީގެ ރައީސާ ނަޒީރާ އިބްރާހީމް، އިހްތިސާދީ ދާއިރާއިން އައިމިނަތު މަޖީދާ، އަދި އިޖްތިމާއީ ދާއިރާ އިން ދީނީ އިލްމުވެރިޔާ އަދި ވަކީލު ސާމިޔާ ޒަކަރިއްޔާ، އަދި އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އިފްހާމް ހުސައިނެވެ.