ރާއްޖެއާ ޗަައިނާއާ ދެމެދު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް މިއަދު ފަށައިފިއެވެ.

ބަނޑޮސް މޯލްޑިވްސްގައި މިހާރު ކުރިއަށްދާ މަޝްވަރާތައް މާދަމާގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފައެވެ. ޗައިނާގެ އޮފިޝަލުންނާއެކު ބަނޑޮހުގައި ކުރިއަށްދާ މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މިއަދު ފެށި މަޝްވަރާތަކުގައި އެއްބަސްވުމުގައި ހިމަނާނެ ބައެއް ނުކުތާތަކާއި، ކުރިން ނިންމާފައި ހުރި ކަންކަމާ މެދު ގޮތް ނިންމައި، އެއްބަސްވުން ފައިނަލް ކުރާނެ އެވެ.

މީގެ ކުރިން އެފަދަ ހަތަރު ބައްދަލުވުމެއް ޗައިނާއާ އެކު ވަނީ ބާއްވާފައިވާފަ އެވެ. އެ ބައްދަލުވުންތަކުގައި ޑިއުޓީއަކާ ނުލައިރާއްޖެއިން ބާނާ މަސް ޗައިނާއަށް އެކްސްޕޯޓު ކުރުމާއި ރާއްޖެއިން ނުލިބޭ ސީފުޑްގެ ބާވަތްތައް ރާއްޖެ އެތެރެކޮށް، އެތަކެތި ޕެކޭޖު ކުރުމަށްފަހު ޗައިނާއަށް އެކްސްޕޯޓު ކުރުމާ މެދު ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖެއިން ބާނާ މަހާއި ޓެކުހަލާ ނުލައި ޗައިނާއަށް އެކްސްޕޯޓު ކުރުމާ ގުޅޭގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވީ މަޝްވަރާތަކުގައި ވަނީ ވާހަކަ ދައްކާފަ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން އެންމެ ފަހުން މަޝްވަރާކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރުގައެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން، މިއަހަރުގެ އޭޕްރިލް މަސް ނިމުމުގެ ކުރިން ޗައިނާއާ ރާއްޖެއާ ދެމެދު ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ އެވެ.

މިނިސްޓަރު ސައީދު މީގެ ކުރިން ވިދާޅުވެފައި ވަނީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އެކުލަވާލަން ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ރާއްޖޭގައި ނުބާނާ ބައެއް ކަހަލަ މަހުގެ ބާވަތްތަކާއި ސީފުޑް ރާއްޖެ އެތެރެކޮށް، އެތަކެތި ރާއްޖޭގައި ޕެކޭޖު ކުރުމަށްފަހު ޗައިނާގެ މާކެޓަށް ސުން ޕަސަންޓުގައި އެކްސްޕޯޓު ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.