08 Mar 2017, 11:06
މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް ހަތަރު ކަނބަލަކަށް ދީފިއެވެ.
ރެހެންދި އެވޯޑް ދިނީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ޖަލްސާގައެވެ. އެވޯޑް ލިބިވަޑައިގެންނެވި ކަނބަލުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމެވެ.
އެވޯޑް ލިބުނު ފަރާތްތައް:
ސިޔާސީ އަދި އާންމު ހިދުމަތުގެ ދާއިރާއިން ނ . ވެލިދޫ/ ދިއްގާމާގޭ، ނަޒީރާ އިބްރާހިމް މަނިކް
- އިގްތިދާސީ ދާއިރާއިން ހދ. ކުޅުދުއްފުށި/ އަމާޒް، އައިމިނަތު މަޖީދާ
- އިޖްތިމާއީ ދާއިރާއިން، ކ. މާފުށި/ ޒީޝަން، ސާމިޔާ ޒަކަރިއްޔާ
- އިޖްތިމާއީ ދާއިރާއިން، މ. ޖަވާހިރު ވާދީ، އިފްހާމް ހުސެއިން
ރެހެންދި އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރުއެވެ. އެ އަހަރު އެވޯޑް ހާސިލްކުރީ މައްޝޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ (ޖުވޭ) އާއި އާމިނަތު ނަޝީދާއެވެ.

ސިޔާސީ އަދި އާންމު ހިދުމަތުގެ ދާއިރާއިން މިއަހަރުގެ ރެހެންދި އެވޯޑް ހާސިލްކުރި ނަޒީރާ އިބްރާހިމް މަނިކަށް ރައީސް ޔާމީން އެވޯޑް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ފޭސްބުކް
ދެހާސް ފަނަރަ ވަނަ އަހަރު އެ އެވޯޑް ލިބިލެއްވީ ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާ އާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ އއ. ތޮއްޑޫ ދޫރެސް، ގަމީރާ އާދަމްއަށެވެ.
މިދިޔަ އަހަރު އެ އެވޯޑް ނުވަ ފަރާތަކުން ހާސިލްކޮށްފައިވެ އެވެ. އެ ކަނބަލުންނަކީ:
ޅ. ނައިފަރު، މާތިލަ، ސާޖަންޓް ފަސްޓް ކްލާސް ޝަހުމާ ޔޫސުފް
- ހ. ފަހިފާ، އާބިދާ ރަޝީދު
- ލ. ފޮނަދޫ، މުރިނގު، ފާތިމަތު ޒައީމާ
- ގ. ވެނެޒިޔާ، އައިމިނަތު ލީލާ
- މ. ރޭޝަމް، ޑރ. އައިޝަތު މުނީޒާ
- ވ. މެރެލިމާ، ފާތިމަތު ޝަފީގާ
- މ. އާސްތާނާ، އައިމިނަތު އާތިފާ
- މ. މުލައް، ހުސްނޫވިލާ، ފާއިޒާ ހުސެއިން
- ގ. ސިނާމޯ، އައިމިނަތު ނަޒްލީ އިބްރާހިމް