08 Mar 2017, 10:31
އަހަރެން ގްރޭޑް ހަތަރެއްގައި އުޅެނިކޮށް، އަހަރު ދެބައިވުމުން ދޭ ރިޕޯޓު ކާޑު ލިބި އެ ހުޅުވާލުމާ އެކު ފެނުނީ އަހަރެންގެ އަހުލާގަށް 'ސީ' ގްރޭޑް ދީފައިވާ ތަނެވެ.
ގަބޫލުކުރެވޭނޭ ފަދައިން، އަހަރެންގެ މަންމައާއި ބައްޕައަށް ލިބުނީ ސިހުމެކެވެ. އަހަރެންނަކީ އަބަދުވެސް ކިލާހުން އެންމެ މަތީ ގްރޭޑްތައް ހޯދަމުން އައި ކުއްޖެކެވެ. އަހަރެން ވެސް ހުރީ ހައިރާން ވެފަ އެވެ. ވިދިގެން އައި ރިޕޯޓް ކާޑު ލިބި، އޭގައި ވެސް އަހަރެންގެ އަހުލާގަށް މިފަދަ ގްރޭޑެއް ލިބުނެވެ. ނަމަވެސް މިފަހަރު ޓީޗަރުގެ ކޮމެންޓު ކިޔާލުމުން ކަންވެގެން އުޅޭ ގޮތް އަހަންނަށް ވިސްނުނެވެ."ޝޯކޯ ކުދިންނާއި މުހާތަބުކުރާ ގޮތް މިހާރު ރަނގަޅުވަމުން އެބަ ދޭ، ރިވެތި އަންހެން ކުއްޖެއް ގޮތުގައި އުޅެން ފައްޓައިފި"– މިފަދައިން އަހަރެންގެ ޓީޗަރު ލިޔެފައިވެ އެވެ.
އަހަރެންނަށް ވިސްނުނީ، އެހެނިހެން ކަންކަމުގެ އިތުރުން، އަހަރެންގެ އަހުލާގާ މެދު މިފަދައިން ޓީޗަރު ލިޔުއްވީ 'ޕީ.އީ' ގަޑީގައި އަހަރެން އެހެން ފިރިހެން ކުދިންނާއެކު ގަހަށް އަރާ ސަކަރާތް ޖެހުމުގައި އުޅުމުންނެވެ. އަދި އަހަރެން އެ އުމުރުގައި ވެސް މިނިވަން ހިޔާލުތަކާއި ވިސްނުންތައް އެހާ މަޑުމައިތިރި ނޫން ގޮތަކަށް ފާޅުކުރީތީ، ޓީޗަރުގެ އެފަދައިން ލިޔުއްވީކަން މިހާރު ވިސްނެ އެވެ. އަހަރެންގެ މައިންބަފައިންގެ ތުންފަތަށް އަނެއްކާ ވެސް ހިނިތުންވުމެއް ވެރިވީ، ޖެހިގެން އައި ދެ އަހަރު އަހަރެންގެ ޓީޗަރު ބަދަލުވެ، އަހުލާގަށް 'އޭ' ގްރޭޑް އަނެއްކާ ލިބެން ފެށުމުންނެވެ.
އަހަރުތައް ފާއިތުވެ، އަހަރެން ފުރަތަމަ ވަޒީފާ އަށް ކުރިމަތިލީމެވެ. ވަޒީފާގެ ފުރަތަމަ ދުވަހު، ބޮސްގެ ފުރަތަމަ ސުވާލަކަށްވީ އަހަރެން ކައިވެނިކުރުމަށް ފަހު ވެސް ވަޒީފާއަށް ނިކުންނާނަންތޯ އެވެ. އަހަރެން ޖަވާބުގައި ވަޒީފާ އަދާކުރާނަމޭ ބުނީމެވެ. އޮފީހުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފަކަށް މިފަދަ ސުވާލެއް ނުކުރާނެކަން އަހަރެންނަށް އެނގެ އެވެ. އަހަރެން ވެގެންދިޔައީ އޮފީހަށް ވަތް އެންމެ ހަގު އަންހެން މުވައްޒަފަށެވެ. އެހެންކަމުން އެކި ގަޑިގަޑީގައި އޮފީހަށް ވަންނަ މުވައްޒަފުންނަށް ހެނދުނުގެ ސައި ތައްޔާރުކޮށްދިނުން ވެގެންދިޔައީ އަހަރެންގެ އެންމެ ފުރަތަމަ އެއް މަސައްކަތަށެވެ.
ފިރިހެނުންގެ މެޖޯރިޓީ އޮންނަ އޮފީހެއްގައި އަންހެނަކަށް މިފަދައިން މަސައްކަތް ކުރަން ޖެހުމުން، އެމީހުން ގޭތެރޭގައި ވެސް އަންހެނުންނަށް ހިތާނޭ ގޮތާއި، އަންހެނުން ލައްވާ ކުރުވާނޭ މަސައްކަތްތައް ވަރަށް ރަނގަޅަށް ދޭހަވެގެންދެ އެވެ. ޖަޕާނުގައި 'ވަޒީފާ އަދާކުރުމުގެ ހަމަހަމަ ފުރުސަތުގެ ގާނޫނު' ތަންފީޒުކުރަން ފެށުނުތާ 30 އަހަރު ވީ އިރުވެސް އަންހެނުންނަށް މިފަދަ މަސައްކަތްތައް ކުރަން ޖެހުމަކީ އާންމު ކަމެކެވެ. އެއްވެސް ސުވާލެއް ނުކުރެވި، ޖަދަލު ނުކުރެވި އޮތް ކަމެކެވެ. އަހަރެން މަސައްކަތް ފެށުނުތާ ހަ މަސް ދުވަހުގެ ތެރޭގައި ކެރިގެން މިކަމާ ދެކޮޅު ހެދީމެވެ. އަދި އޮފީހުގައި މިފަދައިން ތަފާތު ނުކުރުމަށް އެދުނީމެވެ. އެކަކަށް ވެސް އަހަރެންނާ ދެކޮޅު ހަދާކަށް ނުކެރުނެވެ.

މިފަދަ ކަންކަން އަދުގެ މަސައްކަތުގެ މައިދާނުން ނުފެނުނަސް، އަދިވެސް އަންހެނުން މަސައްކަތަށް ނުކުތުމަށް އެކިއެކި ގޮންޖެހުންތައް ކުރިމަތިވެ އެވެ. އަންހެނުން މަސައްކަތް ކުރުމާ މެދު ވިސްނޭ ނޭދެވޭ ވިސްނުންތައް އަދިވެސް މުޖުތަމައުން ނުފިލަ އެވެ. މިކަމުގެ ސަބަބުން ހުނަރުވެރި، މޮޅު އެތަކެއް އަންހެނުންނެއް މަސައްކަތަށް ނިކުމެ، މުސްތަގްބަލެއް ބިނާކުރުމަށް ޖެހިލުންވެ އެވެ. ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މަސައްކަތްކުރުމަށް ހުރަސް އެޅޭތީ، މުޅި ދުނިޔެއަށް އެކަމުގެ އަސަރު ކުރެ އެވެ. އިގްތިސާދީ ނަޒަރަކުން މިކަން ދޭހަކުރާ ނަމަ، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (ILO) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަންހެނުންނާއި ފިރިހެނުންނާއި ދެމެދު އޮންނަ މަސައްކަތްތެރިކަމުގެ ފަރަގު ކުޑަކުރެވިއްޖެ ނަމަ، އަހަރަކަށް އިތުރު 1.6 ޓްރިލިއަން ޑޮލަރުގެ އާމްދަނީ ދުނިޔެއިން އުފެއްދޭނެ އެވެ.
އަހަރެން ވަޒީފާގެ މައިދާނަށް ނިކުމެ މަސައްކަތްކުރަން ފެށިތާ ވިހި އަހަރު ދުވަސްވެފައިވާ އިރު، މިއަދު އަހަރެންގެ ވަށައިގެންވަނީ ދިވެހިރާއްޖޭގެ ރީތި ގޮނޑުދޮށްތަކެވެ. ނަމަވެސް ހިތާމަޔަކީ ޖަޕާނާއި އެތަކެއް މޭލު ދުރުގައި ވަޒީފާ އަދާކުރިނަމަވެސް، އަދި މި ދެގައުމުގެ ސަގާފަތާއި އާދަކާދަ ނުހަނު ތަފާތުވިޔަސް، ހިތާ ކުޅެލާ އެތަކެއް ކަމެއް ރާއްޖޭގެ ދާއިރާތަކުން ވެސް ފެންނާތީ އެވެ. އަދިވެސް އަހަރެން ބައިވެރިވާ ގިނަ ޖަލްސާ، ބައްދަލުވުންތަކުގައި ކޮފީ ގިރައިދެނީ އަންހެނުންނެވެ. އަދި ގައުމީ ތަރައްގީއަށް މަސައްކަތްކުރާ ޕާރޓްނަރުންނާ އެކު އެއްމޭޒެއްދޮށުގައި މަޝްވަރާކުރާއިރު، ލީޑަރޝިޕް ރޯލުތަކުގައި ގިނައިން ތިބެނީ ފިރިހެނުންނެވެ.
އަމަލީ މައިދާނުގައި ޒުވާން ވަކީލުންނާއި، މަދަނީ ޖަމިއްޔާތަކާއި، ކައުންސިލްތަކާ ބައްދަލުކުރާއިރު އަންހެންކުދިންނާ އަހަރެންނާ ބައްދަލުވަނީ މަދު ފަހަރެއްގަ އެވެ. ދެހާސް ހަތަރު ވަނަ އަހަރުގެ ބޯހިމެނުމުގައި ދައްކާ ގޮތުން ފިރިހެން ކުދިންނަށް ވުރެ އަންހެން ކުދިން ސާނަވީ އިމްތިހާންތަކުން މަތީ މާކްސް ހޯދަ އެވެ. ނަމަވެސް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުގެ އަންހެނުންގެ ތެރެއިން އާމްދަނީ ލިބޭ ފަދަ ވަޒީފާއެއް އަދާކުރަނީ ދެބައިކުޅަ އެއްބަޔަށް ވުރެ މަދު އަންހެނުންނެވެ. ޒުވާން އަންހެން ކުއްޖަކު ކިތަންމެ މޮޅަށް ކިޔަވާފައި ހުރި ނަމަވެސް، މައިންބަފައިންނާއި ދުރުގައި ވަޒީފާ އަދާކުރުމަށް ސަގާފީ އަދި އިޖްތިމާއީ ގޮންޖެހުންތައް ހުރެ އެވެ. އާހިރު ނަތީޖާ އަކީ އާއިލާ ނުވަތަ ވަޒީފާ، މިދެކަމުގެ ތެރެއިން ކޮންމެވެސް އެއް ކަމެއް ހިޔާރު ކުރަން ޖެހޭ ކަމަށް ގިނަ އަންހެން ކުދިންނަށް ގަބޫލުކުރެވުމެވެ. އަންހެން ކުދިންނަށް ލިބެން ޖެހޭ ފުރުސަތުތައް ހަނިކުރާ މިފަދަ ނޭދެވޭ އާދަކާދަތަކުގެ ސަބަބުން މުޖުތަމައުގެ ގިނަ މައިދާންތަކުން އަންހެނުން ގެއްލިގެންދެ އެވެ.
ކަން މިހެން އޮތް ނަމަވެސް، އުންމީދުން ފުރިގެންވާ ވެއްޓެއް ވަށައިގެން ފެނެ އެވެ. މިދިޔަ އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، ރާއްޖޭގައި ކުރިއަރަމުން އަންނަ ޒުވާން އަންހެން ކުދިންނާއި ބައްދަލުކޮށްލުމުގެ ފުރުސަތު އަހަރެންނަށް ލިބުނެވެ. މިކުދިން މުސްތަގްބަލުގައި އަދާކުރަން ބޭނުން ވަނީ ކޮން ކަހަލަ ވަޒީފާއެއްތޯ ސުވާލުކުރެވުމުން، ލިބުނު ޖަވާބުތަކުގެ ތެރޭގައި ޑިފެންސް މިނިސްޓަރު، ހޮޓެލް މެނޭޖާ، އަދި ސިޔާސީ ލީޑަރުން ފަދަ ޖަވާބުތައް ހިމެނެ އެވެ. އަހަރެން އެ އުމުރުގައި އެފަދަ ޖަވާބުތައް ދޭން ހިތަކަށް ވެސް ނާރާނެ އެވެ.
އަހަރެން ބައެއް ފަހަރު ހިތަށް އަރަ އެވެ. މިހާރު އަދާކުރަމުން މިދާ ވަޒީފާ އާ މެދު އަހަރެންގެ ގްރޭޑް ހަތަރެއްގެ ޓީޗަރާއި ފުރަތަމަ ވަޒީފާގެ ބޮސް ހިތަށް އަރާނީ ކީކޭ ބާވަ އެވެ. އެމީހުންގެ އަމަލުތަކުން އަހަރެންނަށް ދޭހަވެގެންދިޔައީ، އަންހެނުންނަށް ސްކޫލު ދައުރުގައި ވެސް، މަސައްކަތުގެ މައިދާނުގައި ވެސް ކުރިމަތި ވަނީ ބިއްލޫރި ފުރާޅެއް އެކަންޏެއް ނޫންކަމެވެ. އަންހެނުންގެ ގާބިލިއްޔަތުކަން ދަނީ ބިއްލޫރި ފާރުތަކުން ވެސް ހިފެހެއްޓެމުން ކަމެވެ. އަހަރެމެން ވަނީ އާދަކާދައާއި ސަގާފަތުގެ ބޮޑު ފޮށްޓެއްގެ ތެރޭގައި ބަންދުކުރެވިފަ އެވެ. މިފޮށިން ނުކުތުމަކީ 'ހަމަހަމަ ފުރުސަތުގެ ގާނޫނެއް' ތައާރަފްކުރުމަށް ވުރެ އުނދަގޫ ކަމެކެވެ.
އަހަރެންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އަހަރެންގެ މައިންބަފައިންނާއި ފިރިމީހާއާއި އަދި އެކުގައި މަސައްކަތް ކުރާ އަންހެނުންނާއި ފިރިހެނުން ވެސް މިފަދަ ބިއްލޫރި ފަންގިފިލާތައް ފުނޑުފުނޑުކޮށްލުމަށް ދޭ އެއްބާރުލުމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އަންހެނަކަށް ވިޔަސް، ފިރިހެނަކަށް ވިޔަސް، ބޮޑެތި ހުވަފެންތައް ދުށުމާއި ދިރިއުޅުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެކަކު އަނެކަކަށް ވާގިވެރިވާން ޖެހޭނެ އެވެ. ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުން އަހަރެންނަށް ލިބުނު މެސެޖަކީ ތަރައްގީގެ ނަމުގައި އަހަރެމެން އަންހެން ކުދީންނާއި ފިރިހެން ކުދީން ވެސް ބާކީ ނުކުރާނެކަމެވެ. އަހަރެމެން މި ބަންދުކުރުވާ ބިއްލޫރި ފާރުތައް އެކީއެކައްޗަކަށް ފުނޑުފުނޑުކޮށްލަމާ ހިނގާށެވެ. ބިއްލޫރި ފަންގިފިލާ ފޫ އަޅުވާލާ އެންމެންގެ ފުރިހަމަ ގާބިލިއްޔަތު ހާސިލްކުރަން އަޒުމް ކަނޑައަޅަމާ ހިނގާށެވެ.
--
ޝޮކޯ ނޯޑާ އަކީ ރާއްޖޭގައި ހުންނަ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެވެ. އޭނާގެ މި ލިޔުއްވުމަކީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.