ބެއިޖިން (މާޗް 8): އުތުރު ކޮރެއާއިން މިސައިލް އަދި ނިއުކްލިއާ ޓެސްޓުތައް ހުއްޓާލުމަށް ޗައިނާއިން ގޮވާލައިފި އެވެ.

ޗައިނާއިން އެފަދައިން ގޮވާލާފައި ވަނީ ހޯމަ ދުވަހު އުތުރު ކޮރެއާއިން ހަތަރު މިސައިލެއް ޓެސްޓު ކުރުމާ ގުޅިގެންނެވެ. އުތުރު ކޮރެއާއިން އެ މިސައިލްތައް ލޯންޗުކޮށްފައި ވަނީ ދެކުނު ކޮރެއާ އާއި އެމެރިކާއިން ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފަށާފައި ވަނިކޮށެވެ.

އުތުރު ކޮރެއާއިން ގަބޫލު ކުރާ ގޮތުގައި ކޮންމެ އަހަރަކު އެ ދެ ގައުމުން ކުރިއަށްގެންދާ ތަމްރީނުތަކަކީ އުތުރު ކޮރެއާއަށް އަރައިގަތުމަށް ތައްޔާރުވުމަށް އެ ދެގައުމުން ކުރިއަށްގެންދާ ތަމްރީނުތަކެކެވެ.

އަދި އުތުރު ކޮރެއާއިން އެމިސައިލްތައް ޓެސްޓު ކުރި ފަހުން އެމެރިކާ އިން ވަނީ މިސައިލުން ދިފާއުވުމުގެ ނިޒާމެއް ދެކުނު ކޮރެއާގައި ހަރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ ދެ ކޮރެއާގެ މެދުގައި އޮތް ދެކޮޅުވެރިކަމަކީ "ބާރު ސްޕީޑުގައި އެކަތި އަނެކައްޗާ ދިމާލަށް ދަތުރު ކުރަމުންދާ ދެ ރޭލު"ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި ދެ ރޭލު އެކްސިޑެންޓުވާން ތައްޔާރަށް އޮތްތޯ ސުވާލު އުފައްދާފަ އެވެ.

ވަންގް ޔީ ވިދާޅުވި ގޮތުގައި ދެ ފަރާތުގެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަކޮށް، މަޝްވަރާތައް އަނެއްކާ ވެސް ބޭއްވޭނީ ދެ ފަރާތުން ވެސް އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމުންނެވެ. އެހެންކަމުން އުތުރު ކޮރެއާއިން މިސައިލް ޓެސްޓު ކުރުން ހުއްޓާލުމުން ދެކުނު ކޮރެއާ އާއި އެމެރިކާއިން އަސްކަރީ ތަމްރީނުތައް ހުއްޓާލެވިދާނެ ކަމަށް ވަންގް ޔީ ވިދާޅުވި އެވެ.

އުތުރު ކޮރެއާއިން ހޯމަ ދުވަހު ޓެސްޓު ކުރި ހަތަރު މިސައިލްގެ ތެރެއިން ތިން މިސައިލް ވެއްޓުނީ ޖަޕާނުގެ އިގުތިސާދީ ސަރަހައްދު ތެރެއަށެވެ. އދ.ގެ ސަލާމަތީ ކައުންސިލުން ވަނީ އެޓެސްޓުތައް ކުށްވެރިކޮށް، މިއަދު އެޖަމްއިއްޔާއިން ބާއްވާ ބައްދަލުވުމުއްގައި އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. (ބީބީސީ)