08 Mar 2017, 12:14
ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާ އަންހެން ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން ޖިންސީ ޝިކާރަ އަކަށްވެފައިވާ ކުދިންގެ އަދަދު ނިސްބަތުން އިތުރުވަމުންދާ ކަމަށް ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަންހެން ކުއްޖަކަށްވީތީ ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
އެގޮތުން، ރާއްޖޭގައި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ކޮންމެ މަހަކު ވެސް ގިނަ މައްސަލަތަކެއް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން ވެސް ޖިންސީ ޝިކާރައަކަށްވާ އަންހެން ކުދިންގެ އަދަދު ނިސްބަތުން އިތުރު ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލްކޮށްގެން މަތީ ނަތީޖާ ހޯދާ އަންހެން ކުދިންގެ އަދަދު ނިސްބަތުން ގިނަ ނަމަވެސް، ކަންކަން ނިންމާ ފެންވަރުގައި އަންހެނު ނިސްބަތުން މަދު ކަމަށެވެ.
"އަންހެން ކުދިންނަށް ކުރާ އަނިޔާގެ ކަންކަމާމެދު މުޖުތަމައު ހޭލުންތެރިކޮށް އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރި ކުރުވުމަށް އެންމެންގެ ވެސް ޒިންމާއެއް. އަދި ތައުލީމީ ހަޔާތް ނިންމާ އަންހެން ކުދިންނަށް ގޮތް ނިންމާ މަގާމުތަކަށް ދިއުމަށް މަސައްކަތްކުރުމަށް އިތުބާރާއި ޔަގީން ކަން ހޯދައިދިނުމަށް މަސައްކަތްކުރަން ޖެހޭ،" މިނިސްޓަރު ޒެނީޝާ ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއްބައި ހިއްސާކުރަނީ އަންހެނުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އަންހެނުން ބާރުވެރިކުރުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ.
އެގޮތުން، އަންހެނުން މަތީ މަގާމްތަކަށް ހާސިލްވުމަށް ޓަކައި އަމިއްލައަށް ކުރައްވާ މަސައްކަތްތަކުގައި ފިރިހެނުންނާއި އާއިލާގެ އެއްބާރުލުން ބޭނުންވާ އިރު، އަންހެނުން މަދު ދާއިރާތައް ދެނެގަނެ އެ ދާއިރާތަކުގައި އަންހެނުން އިތުރުކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ިމިނިސްޓަރު ވިދާޅުވީ، އަންހެނުންނަކީ ހިތްވަރުގަދަ ތައުލީމީ ބާރުވެރި އަދި ވަރަށް ހޭލުންތެރި ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ތައުލީމީ ބާރުވެރި އަންހެނުން އުފެދުމުން އޭގެ ފައިދާ ކުރާނީ ހަމައެކަނި އޭނާއަށާއި އޭނާގެ އާއިލާގެ އިތުރުން މުޅި މުޖުތަމައުއާ ގައުމަށް ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"ހީވާގި ކަމާ އެކު މަސައްކަތްކުރާ ކޮންމެ އަންހެން ބޭފުޅަކީ ވެސް މުޖުތަމައުގެ އިހްތިރާމާއި ގަދަރު ހައްގުވެގެންވާ ބައެއް،"މިނިސްޓަރު ވިދާޅުވި އެވެ.