އަންހެނުންގެ ޤާބިލުކަމާއި ހުނަރުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްރާއުސީއެމް)އިން ގޮވާލައިފި އެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރްސީއެމުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އަންހެނުންނަށް ދިރިއުޅުމުގެ އެކިއެކި މައިދާންތަކުގައި ކުރިމަތިވާ ހުރަސްތައް ނައްތާލައި، އެ ކަނބަލުންނަށް އެހީތެރިކަން ފޯރުކޮށް ދޭން ޤާއިމުކޮށްފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.

"ތަފާތުތައް ނައްތާލައި ހަމަހަމަކަން ޤާއިމުކުރުމަށް 2016 ވަނަ އަހަރު ތަސްދީޤުކޮށްފައިވާ ޖެންޑާ އިކުއަލިޓީގެ ޤާނޫނުނަށް އެންމެހާ ފަރާތްތައް އަހުލުވެރި ކުރުވައި، އެ ޤާނޫނުގެ ދަށުން ޤާއިމު ކުރަންޖެހޭ ނިޒާމްތައް ފުރިހަމަ ކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މިކޮމިޝަނުން އިލްތިމާސްކުރަން،" އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ މިދިޔަ އަހަރު ހުށަހަޅާފައިވާ އަންހެނުންގެ ޙައްޤުތަކާ ގުޅޭ މައްސަލަތަކުގެ ތެރޭގައި، ގެވެށި އަނިޔާއާއި، އެކަނިވެރި މައިންނަށް ލިބެންޖެހޭ އިނާޔަތް ނުލިބުމާއި، އާއިލާ ބިނާކުރުމަށް ހުރަސްއެޅުމާ ގުޅުންހުރި މައްސަލަތައް ހިމެނޭ ކަމަށެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށް ވެގެން ގެނެވޭ ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޤާނޫނު ނަގަހައްޓާ ފަރާތްކާއި، ޖުޑިޝަރީ އާއި، ސިއްހީ ހިދުމަތްތައް ދޭ ފަރާތްތައް އަދި އިޖުތިމާއީ ރައްކާތެރިކަން ފޯކޮށްދޭ ފަރާތްތައް މިކަމާމެދު ހޭލުންތެރި ނޫންކަން ކުރިންވެސް އެޗްއާރްސީއެމްއިން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ "2030 ވަނަ އަހަރަށް 50-50 ދުނިޔެއެއް: ދުނިޔޭގެ ބަދަލުވަމުންދާ މަސައްކަތުގައި އަންހެނުން" މިއެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުންނަކީ މުޖުތަމައުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަ ކުރުމާއި، ޤައުމުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން މުހިންމުކަން ދެނެގަނެ، އަންހެނުންނާމެދު ކުރާ ނޭދެވޭ ތަފާތުކުރުންތަކާމެދު މުޖުތަމައު ހޭލުންތެރި ކުރުވައި، އެކަންތައްތައް އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމެވެ.