ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމަށް މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ އެކު ހަދާފައިވާ އެގްރިމެންޓް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކަށް ނެކްސްބިޒް އިން ދެކޮޅު ހަދައިފި ނަމަ އެއްބަސްވުން އުވާލާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އިއްޔެ ވިދާޅުވީ، ކެބިނެޓުން އަންގާފައި ވަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ ޕްރޮޖެކްޓް އިސްލާހުކޮށްގެން "އަލުން" ނެކްސްބިޒްއާ އެކު ކުރިއަށްގެންދިއުމަށް ކަމަށެވެ. އެހެންކަމުން މިހާރު އެ ޕްރޮޖެކްޓުގައި ހުރި ކަންބޮޑުވާ ކަންތައްތައް ބަލައި، އެކަންކަން އިސްލާހުކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ކޮންޓްރޯލަރު ވިދާޅުވި އެވެ.

އަދި އެކަންކަމަށް ނެކްސްބިޒް އިން އެއްބަސްނުވެއްޖެ ނަމަ "އެއްބަސްވުން އުވާލުން ނޫން އިތުރު ގޮތެއް ނޯންނާނެ" ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން އޮންނާނީ ކޮމިއުނިކޭޓް ކޮށްފައި ]ނެކްސްބިޒްއަށް[ ތާރީހެއް އަރުވާނެ ކަމަށް. އަދި މަޝްވަރާއެއް ނުކުރަން. ތައްޔާރުވަމުންދަނީ އެކަމަށް... ނެގޯޝިއޭޓް ކުރުމުގެ ފުރުސަތު ދެފަރާތަށް ވެސް އޮންނާނެ. އެ ނެގޯޝިއޭޓް ނުކުރެވޭކަމަށް ވަންޏާ ދެ ފަރާތަށް އެކީގައި މަސައްކަތެއް ވެސް ނުކުރެވޭނެ. އެހެންވީމަ، އެއްބަސްވުން ޓާމިނޭޓް ކުރުން ނޫން އިތުރު ގޮތެއް ނޯންނާނެ،" ކޮންޓްރޯލަރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި 39 މިލިއަން ޑޮލަރަށް ނެކްސްބިޒްއާ ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް އެންމެ އުނދަގޫވަނީ 20 އަހަރަށް ބަހައިލައިގެން އެފައިސާ ދެއްކުމަށް ރާއްޖެ އަންނަ އަދި ފުރާ ކޮންމެ ބޭރު މީހެއްގެ އަތުން ދެ ޑޮލަރު ދައްކަން ޖެހޭތީ ކަމަށެވެ.

އެ އުސޫލުން ފައިސާ ދައްކައިފި ނަމަ، 20 އަހަރު ދުވަހުގެ ތެރޭ ސަރުކާރުން ނެކްސްބިޒް އަށް 110 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމުގައި ކޮންޓްރޯލަރު ވިދާޅުވި އެވެ. އެ ހިސާބު ޖެހެނީ މިއަހަރުން ފެށިގެން ރާއްޖެ އެތެރެ، އަދި ބޭރުވާނެ ކަމަށް ލަފާކުރެވޭ 1،000،000 މިލިއަން ބޭރު މީހުންގެ އަތުން ހަތަރު ޑޮލަރު ނެގުމުންނެވެ.

"އެއީ އަދި ]އެތެރެވާ މީހުން[ އިތުރުނުވެ އެއްވަރެއްގައި ހުރެއްޖެއްޔާ. އެކަމަކު ރާއްޖެ އަންނަ މީހުން އަދަދު ކޮންމެ އަހަރަކު އިތުރުވަމުން މިދަނީ. 2055ގައި އެއާޕޯޓް އެ ތަރައްގީކުރަނީ ތިން މިލިއަން މީހުންނަށް ބަލައިގެން. އައްޑޫ އެއާޕޯޓް ވެސް ތަރައްގީ ކުރަމުން އެދަނީ. ހަމަ ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ވެސް އެކަހަލަ ގޮތަކަށް ކުރިއަށްދާ ކަމަށް މީޑިއާގައި މިއިވެނީ. މިހުރިހާ ކަންތަކެއް ވެގެންދިޔައިމަ މިހާރު އެރައިވަލް ރޭޓް ހުރި ވަރަކަށް ނޫން މީގެ 10 އަހަރު ފަހުން ހުންނާނީ. އެހެންވެ މީގެ ނެތެއްނުންތޯ ހަމައެއް؟ ދެމުން ދެމުން ދާންވީ ނޫންތޯ ]ނެކްސްބިޒް އަށް ފައިސާ[؟" ޝާހިދު ވިދާޅުވި އެވެ.

އަދި އެދެ ޑޮލަރު ނެގުމަށް އެގްރިމެންޓުގައި ހިމަނާފައި ވަނީ ރައްޔިތުންގެ މަޖިލީހުން އެ ޓެކްސް ފާސްކޮށްގެން ކަމަށް ނުވާތީ އެ މައްސަލަ ވެސް ކުރިމަތިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ވޯކް ވިސާ ކާޑު ހައްދާ ކޮންމެ ފަހަރަކު ނެކްސްބިޒް އަށް 15 ޑޮލަރު ދައްކަން ޖެހޭ ގޮތަށް އޮތުމާ މެދު ވެސް ހިތްހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ޕްރޮޖެކްޓްގެ އެއްބަސްވުން ރިވިއުކޮށް، އަލުން ނެކްސްބިޒްއާ އެކު ސޮއިކުރާނީ އެ އަގުތަކަށާއި އަދި ސިސްޓަމްގައި ހުންނަން ޖެހޭ ކަމަށް ފެންނަ ބައެއް އިތުރު ކަންކަން ވެސް ހިމަނައި، އެ ބަދަލުތައް ގެނެސްގެން ކަމަށް ކޮންޓްރޯލަރު ވިދާޅުވި އެވެ. އަދި އެކަމަށް އެއްބަސްނުވެވޭ ނަމަ އެ މަސައްކަތް ސަރުކާރުން ބޭނުންވާ ގޮތަށް ކުރާނެ އިތުރު ފަރާތެއް ހޯދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިމިގްރޭޝަނުން އެ ޕްރޮޖެކްޓް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންމިދަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މަސައްކަތް އަލުން ބިޑްކޮށްގެން ކުރިއަށްގެންދިއުމަށް އަންގައިފައިވާ ވަނިކޮށެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެއްވެސް ކަމެއް ރަސްމީ ފަރާތަކުން އޭސީސީއަށް އަންގާފައިނުވާތީ އާއި އެ މަސައްކަތް ހުއްޓާނުލައި ނެކްސްބިޒްއާ އެކު ކުރިއަށްދާތީ، ސަރުކާރާ ދެކޮޅަށް ދައުވާ ކުރުމަށް އެކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، އިމިގްރޭޝަނުން ބުނަނީ، ޕްރޮޖެކްޓް އަލުން ބިޑުނުކުރި ނަމަވެސް، އޭގައިވާ ކަންކަން އިސްލާހުކޮށްގެން ކުރިއަށް ގެންދިއުމަށް އޭސީސީގެ މައްސަލައެއް އޮންނާނެ ކަމަށް ލަފާނުކުރެވޭ ކަމަށާއި އެހެންކަމުން މި މައްސަލަ ޝަރީއަތާ ހިސާބަށް ނުގޮސް ނިންމާލެވޭނެ ކަމަށެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު އިއްޔެ ވިދާޅުވީ، އެކޮމިޝަނުން ފާހަގަކޮށްފައިވާ މައްސަލަތައް އިސްލާހުކޮށްގެން ނެކްސްބިޒްއާ އެކު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި މައްސަލައެއް ނޯންނާނެ ކަމަށެވެ. ނަމަވެސް، އަދި އެކަމަށް ރަސްމީކޮށް ކޮމިޝަނުން އެއްބަސްވެފައި ނޯންނާނެ ކަމަށާއި ޕްރޮޖެކްޓް ރިވިއު ކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ މުއައްސަސާތަކާ އެކު ރަސްމީ މަޝްވަރާތަކެއް ބާއްވައިފައި ނޫނީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓްގެ މައްސަލަ ޝަރީއަތަށް ވެއްދުމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ނުގެންނާނެ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.