މިއީ ބަނގުލަދޭޝްއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ މުހައްމަދު ފާރޫގެވެ. ދިވެހި ލަވަޔަށް ލޯބިކޮށް، ދިވެހި ލަވަކިޔާ އެތައް ބަޔަކު މުނިފޫހި ފިލުވަދޭ ފަރާތެވެ. ދިވެހި ލަވަކިޔަން ފެށުނު ގޮތްފާރޫގު ވަނީ ސަން އާއި ހިއްސާކޮށްފަ އެވެ.

ތެޔޮ ކުންފުންޏެއްކަމަށްވާ މެރީޑިއަމްގައި ހެލްޕަރަކަށް މަސައްކަތްކުރާ ފާރޫގް ރާއްޖޭގައި މަސައްކަތްކުރާތާ ދެ އަހަރުވެފައިވާއިރު އޭނާ ދިވެހި ލަވަޔަށް ޝައުގުވެރިކަން އުފެދުނީ ތެޔޮބޯޓެއްގެ ދިވެހި ކެޕްޓަންގެ ފަރާތުންނެވެ.

"އަހަރެން ކައްޕި ކިޔާދެނީ، މަޑިފުށި ކައްޕި، ހަސަންދީ،" އޭނާ ބުންޏެވެ.

ދިވެހި ހަ ލަވައެއް އޭނާއަށް ހިތު ދަހެވެ. ބަނގުލަދޭޝް ލަވަވެސް އަޑުއަހާ ފާރޫގް ބުނީ ދިވެހި ލަވަ އޭނާއަށް ވަރަށް ކަމުދާ ކަމަށެވެ.

"ދިވެހި ލަވަ ބޮޑު ރީތި، ބަރާބަރު ލަވަ، އެންމެ ރީތީ، ދިލްކަޝްބަ،" ފާރޫގް ބުންޏެވެ.

އޭނާ އަދިވެސް ދިވެހި އެހެން ލަވަތައް އަޑުއަހައި އެލަވަތަކުގެ މާނަ ވެސް ދަސްކުރަން ބޭނުންވެ އެވެ. ދިވެހި ލަވަކިޔުންތެރިން ވެސް އޭނާއަށް އެނގެ އެވެ.

"އެންމެ ރީތިލަވަކިޔަނީ ނައިފަރު ދޮހޮއްކޮ،"

މުޅި ސޯޝަލް މީޑިއާގައި ފާރޫގް ދިވެހި ބަހުން ލަވަކިޔާ އެތައް ވީޑިއޯއެއް ދައުރުވަމުންދާއިރު އޭނާ ދިވެހިން ޝޯއެއް ދޭން ތައްޔާރެވެ.

ދިވެހި ލަވަ ކިޔަން އެނގުނު ނަމަވެސް ބަސް ކިޔުމުގައި ބޮޑެތި މައްސަލަތަކެއް ފާހަގަވެ އެވެ. އެއީ އޭނާއަށް ތަމްރީނެއް ދީފި ނަމަ ރަނގަޅުކުރެވިދާނެ ކަންކަމެވެ.

ކުޑަ އާބާދީއަކަށް ނިސްބަތްވާ ދިވެހިންގެ ދިވެހި ބަހަކީ މުއްސަދި ބަހަކަށްވާއިރު މީގެ ކުރިން މުޅިންހެން ފާހަގަ ކުރެވެނީ ދިވެހި ބަހުން ވާހަކަ ދައްކާ ބޭރުގެ ފަރާތްތަކެވެ. ނަމަވެސް މިއަދު މިވަނީ ލަވަކިޔުންތެރިން ވެސް އުފެދެން ފަށާފަ އެވެ.