މޫސަލް (މާޗް 8) : މޫސަލްގެ ހުޅަނގު ސަރަހައްދުގެ ބައެއް އަވަށްތަކުގައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އަދިވެސް ފައިހަރުކޮށްލައިގެން ތިބި ކަމަށާއި އެމީހުންނަށް އޮތީ އަމާންދިނުން ނޫނީ ހަނގުރާމަކޮށްގެން މަރުވުންކަމަށް އިރާގުގެ ބޮޑުވަޒީރު ޑރ. ހައިދަރުލްއަބާދީ ވިދާޅުވެއްޖެ އެވެ.

މޫސަލްއަށް ވަޑައިގެން އިރާގު ސިފައިންގެ ކޮމާންޑަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އަބާދީ ވިދާޅުވީ އައިއެސްގެ އަތްދަށުން މޫސަލް މިނިވަންކުރުމަކީ ކުޑަކަމެއް ނޫންކަމަށާއި ނަމަވެސް އިރާގު ސިފައިންގެ ހިއްވަރާއި ފަންވަރުން އެމަގްސަދު މިހާރުވަނީ ހާސިލްވުމުގެ މަގުމަތީގަ އެވެ.

އަބާދީ ވިދާޅުވީ އައިއެސްގެ މައްޗަށް އިރާގު ސިފައިންނަށް މާތް ﷲ ނަސްރު ދެއްވައިފި ކަމަށާއި މިކަމަށް ޓަކައި އެކަލާންގެ ހަޒްރަތަށް ޝުކުރުއަދާ ކުރައްވާ ކަމުގައެވެ. އަބާދީ ވިދާޅުވީ މޫސަލް އެއްކޮށް މިނިވަންކުރުމަށް ދެން ކުރަންޖެހޭނީ ކުޑަމަސައްކަތެއްކަމަށާ މޫސަލްގައި ފައިހަރުކޮށްލައިގެން ތިބި އައިއެސްގެ ހަނގުރާމަވެރިންނަށް އޮތީ އަމާންދިނުން ނޫނީ ހަނގުރާމަކޮށްގެން މަރުވުންކަމުގަ އެވެ. ދެން އެމީހުންނަށް ފިލައިގެން ނުދެވޭނެކަމަށް ވެސް އަބާދީ ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އައިއެސްއަކީ އިސްލާމީ ޙަޟާރަތުގެ ދުވަސްވަރު އިރާގުގެ ބަޣްދާދުގައި ގާއިމްކުރި އައްބާސީ ޚިލާފަތް ވައްޓާލަން މަސައްކަތްކުރި ތަތާރުންނަށް ވުރެ ވެސް ބިރުވެރި އަދި ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށް އަބާދީ ސިފަކުރެއްވި އެވެ.

މޫސަލްގެ އިރުމަތީ ފަޅި މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅު އައިއެސްގެ އަތްދަށުން ވަނީ މިނިވަން ކޮށްފަ އެވެ. އަދި މޫސަލްގެ ހުޅަނގު ފަޅީގެ 80 އިންސައްތަ ބިމާއި އިމާރާތްތައް ވެސް މިހާރުވަނީ އައިއެސްގެ އަތްދަށުން މިނިވަންކުރެވިފަ އެވެ. މީގެތެރޭގައި މޫސަލްގައިވާ އިރާގު ސަރުކާރާއި ދައުލަތުގެ އިމާރާތްތައް ހިމެނެއެވެ. ނަމަވެސް މޫސަލްގެ ހުޅަނގު ފަޅީގެ ބައެއް ސަރަހައްދުތައް އަދިވެސް ވަނީ އައިއެސްގެ އަތްދަށުގައި ކަމަށް އިރާގު ސިފައިންގެ ބަޔާންތައް ބުނެ އެވެ. އެފަޅީގައިވާ އާންމުންގެ ގެދޮރުފަދަ އިމާރާތްތަކުގައި އައިއެސްގެ އެތައް ސަތޭކަ ހަނގުރާމަވެރިން ފިލައިގެން ތިބެ އިރާގު ސިފައިންނަށް ހަމަލާދިނުމަށް މަސައްކަތްކުރާ ކަމަށްވެސް އިރާގު ސިފައިންގެ ބަޔާންތައް ބުނެ އެވެ.

މިދިޔަ ހަފްތާގައި އައިއެސްގެ ހަނގުރާމަވެރިންވަނީ މޫސަލްގައިތިބި އިރާގު ސިފައިންނަށް އަމާޒުކޮށް އަމިއްލައަށް މަރުވެގެން ވަރުގަދަ ހަމަލާއެއްދީ އިރާގު ސިފައިންގެ އެތައްބަޔަކު މަރާލާފަ އެވެ. ނަމަވެސް އެއަށްފަހު އަޕާޗޭ ހެލިކޮޕްޓަރު ބޭނުންކޮށްގެން އައިއެސް ހަނގުރާމަވެރިންނާ ދެކޮޅަށް އިރާގު ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިނގި ތިންދުވަހުގެ އޮޕަރޭޝަނެއްގައި އައިއެސްގެ ސަތޭކައަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލެވުނުކަމަށް އިރާގުން ބުނެފައިވެ އެވެ.

އަބާދީ މޫސަލް އަށް ވަޑައިގެންނެވީ އެސިޓީ ގާތްގަނޑަކަށް މިނިވަންކުރެވި އައިއެސްގެ މައްޗަށް ކާމިޔާބު ލިބިއްޖެކަން އިރާގު ރައްޔިތުންނަށާއި ދުނިޔެއަށް ހާމަކުރެއްވުމުގެ ގޮތުންނާއި އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރި އިރާގު ސިފައިންނަށް ހިއްވަރު ދެއްވުމުގެ ގޮތުންނެވެ.

މޫސަލްގެ ބޮޑުބައި މިނިވަންކުރެވުނު އިރު އެސިޓީވަނީ ވަރަށްބޮޑަށް ވީރާނާވެފަ އެވެ. ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރާއި ސަރުކާރުގެ އިމާރާތްތައް ފަދަ ތަންތަންވަނީ ވަރަށްބޮޑަށް ހަލާކުވެފަ އެވެ. މީގެއިތުރުން މޫސަލްގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކުވަނީ ރެފިއުޖީންނަށްވެ ހާލުގައިޖެހިފަ އެވެ. އިރާގު ސިފައިންގެ މިކާމިޔާބީ އާ ގުޅިގެން އައިއެސްގެ ހަނގުރާމަވެރިން މޫސަލް ދޫކޮށް އަވަށްޓެރި ސޫރިޔާގެ އައްރިއްޤާ އަށް ފިލަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.

އައްރިއްޤާ އަކީ އައިއެސްއިން އިޢްލާންކޮށްފައިވާ އިސްލާމީ ޚިލާފަތުގެ ވެރިރަށެވެ. އިރާގު ސިފައިން މީގެކުރިންވަނީ އައިއެސް އިން އަޅުވެތިކުރި އިރާގުގެ ރަމާދީ ސިޓީއައި ފައްލޫޖާ ވެސް މިނިވަންކޮށް އެދެ ސިޓީން އައިއެސްގެ ބާރުތައް ފައްސާލުމުގައި ބަޔާންވެގެންވާ ނަސްރެއް ހޯދާފަ އެވެ. (ނޫސްއެޖެންސީތައް)