ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކެޕްޓަން ސާޖިއޯ ރާމޯސްގެ އެހީތެރިކަމާއެކު އިޓަލީގެ ނަޕޯލީ އަތުން ސްޕެއިންގެ ރެއާލް މެޑްރިޑް މޮޅުވެ، ކުއާޓާގެ ޖާގައެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ގަދަ 16ގެ ދެވަނަ ލެގު މެޗު ވެސް ރެއާލުން ކާމިޔާބުކުރީ ފުރަތަމަ ލެގުގައި އެޓީމު ހޯދި ނަތީޖާއިންނެވެ. އެ ދެ މެޗުން ވެސް ރެއާލް މޮޅުވީ 3-1 ލަނޑުންނެވެ. ކުއާޓާއަށް ރެއާލް ދަތުރުކުރީ 2-6 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ނަޕޯލީއާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމަކާއެކު އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ނަޕޯލީން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. މެޗުގެ 24 ވަނަ މިނެޓުގައި ނަޕޯލީއަށް ލީޑު ހޯދައިދިނީ ޑިރައިސް މާޓެންސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މަރެކް ހަމްސިކް ދިން ބޯޅައަކުންނެވެ.

އޭގެ އިތުރުން ވެސް ފުރަތަމަ ހާފުގައި ނަޕޯލީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ހަމްސިކް ފޮނުވާލި ހަމަލާ ރެއާލް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔައިރު، ލޮރެންޒޯ އިންސިގްނިއާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ނަޕޯލީ ކުރީގައި އޮވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ނަޕޯލީއާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓް ފަހުން ރެއާލް ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޓޯނީ ކްރޫސް ނަގައިދިން ކޯނަރަކުން ރެއާލަށް އެލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ރާމޯސްއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ނަޕޯލީ ގޯލު ކައިރީ ހުރެފައި ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ރެއާލަށް ލީޑު ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ރާމޯސް ފޮނުވާލި ހަމަލާ، ނަޕޯލީގެ ގޯލަށް މިފަހަރު ވަދެފައިވަނީ ނަޕޯލީގެ ލަނޑު ކާމިޔާބުކޮށްދިން މާޓެންސް ގައިގައި ޖެހިފައެވެ. ރެއާލްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.