08 Mar 2017, 09:17
ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުގެ އާސެނަލްގެ އަމިއްލަ ދަނޑުގައި ވެސް އެޓީމު ލަދުގަންނަވާލައި، ޖަރުމަންގެ ބަޔާން މިއުނިކް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގު މެޗެކޭ އެއްގޮތަށް ރޭ ކުޅުނު ދެވަނަ ލެގު މެޗުގައި ވެސް އާސެނަލްގެ މައްޗަށް ބަޔާނުން ކުރި ހޯދާފައިވަނީ 5-1 ލަނޑުގެ ނަތީޖާއަކުންނެވެ. ބަޔާނުން ކުއާޓާގެ ޖާގައެއް ހޯދީ 10-2 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި އާސެނަލާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަޔާން މޮޅުވީ 5-1 ލަނޑުން --- ފޮޓޯ/ އޭޕީ
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި އާސެނަލުން ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ އާސެނަލުންނެވެ. އޮލިވިއާ ޖިރޫ ދިން ބޯޅައަކުން އާސެނަލަށް ލީޑު ހޯދައިދިނީ ތިއޯ ވަލްކޮޓްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ 54 ވަނަ މިނެޓުގައި އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބަޔާންގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީއަށް ކުރި ފައުލާ ގުޅިގެން އާސެނަލްގެ ކެޕްޓަން ލޯރެންޓް ކޮޝިއަލްނީއަށް ރަތް ކާޑު ދެއްކި ހިސާބުން މުޅި މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައެވެ. އެ ފައުލާ ގުޅިގެން ބަޔާނަށް ލިބުނު ޕެނަލްޓީން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ލެވަންޑޯސްކީއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި އާސެނަލާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަޔާން މޮޅުވީ 5-1 ލަނޑުން --- ފޮޓޯ/ އޭޕީ
މެޗުގެ ވަނަ މިނެޓުގައި ބަޔާނަށް އާރްޔެން ރޮބެން ލީޑު ހޯދައިދިންއިރު، މެޗުގެ 78 ވަނަ މިނެޓުގައި ރަފީނިއާ ދިން ބޯޅައަކުން ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑުގްލަސް ކޮސްޓާއެވެ. މެޗުގެ 80 ވަނަ މިނެޓުގައި ބަޔާންގެ ހަތަރުވަނަ ލަނޑު ޒަބީ އަލޮންސޯ ދިން ބޯޅައަކުން އާޓުރޯ ވިޑާލް ކާމިޔާބުކޮށްދިންއިރު، އޭގެ ފަސް މިނެޓް ފަހުން އެޓީމުގެ ފަސްވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ވިޑާލްއެވެ.