ކުޅިވަރު ސާމާނު އުފައްދާ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ 'ނައިކީ' އިން ހިޖާބު އަޅާ އެތުލީޓުންނަށް ސްޕޯޓްސްވެއާއެއް ތައާރަފްކޮށް، އެ ސްޕޯޓްސްވެއާ ދައްކާލައިފިއެވެ.

ނައިކީން ބުނީ، 'ނައިކީ ޕްރޯ ހިޖާބް' ތައްޔާރުކުރުމުގެ މަސައްކަތުގައި އެއް އަހަރު ހޭދަވެފައިވާ ކަމަށާއި އެ ކުންފުނީގެ މަގްސަދަކީ އެ ސްޕޯޓްސްވެއާގެ އެހީގައި ހިޖާބު އަޅާ އެތުލީޓުންގެ ހުނަރު އެންމެ ފުރިހަމައަށް ދެއްކުމުގެ ގާބިލްކަން ހޯދައިދިނުން ކަމަށެވެ.

ހިޖާބު އަޅާ އެތުލީޓުންނަށް ނައިކީން ތައާރަފްކުރި ސްޕޯޓްސްވެއާ: އެ ސްޕޯޓްސްވެއާ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައި ---

އެ ކުންފުނިން ތައާރަފްކުރި ނައިކީ ހިޖާބު ޕްރޯ މިހާރު ވަނީ ޓެސްޓްކޮށްފައެވެ. އެ ސްޕޯޓްސްވެއާ ޓެސްޓްކުރި އެތުލީޓުންގެ ތެރޭގައި އެކުވެރި އަރަބި އިމާރާތުގެ ސްކޭޓަރު ޒަހްރާ ލަރީ ހިމެނެއެވެ.

ނައިކީގެ ހިޖާބްއަކީ ވަރަށް ލުއި އަދި ދެމޭ ފޮތިން ތައްޔާރުކޮށްފައިވާ ސްޕޯޓްސްވެއާއެކެވެ. އޭގެ އިތުރުން އެ ސްޕޯޓްސްވެއާގައި ވައި ވަންނަ ގޮތަށް ކުދިކުދި ލޯވަޅު ހިމެނޭއިރު، ސްޕޯޓްސްވެއާގެ ފަހަތުން ފެންނަނީ ތިރިއަށް ދިގުކޮށެވެ. އެ ހިޖާބުގައި ހިމެނެނީ ތިން ކުލައަކުންނެވެ. އެއީ ކަޅު ކުލައާއި އަޅިކުލައެއް އަދި އޮފްއަރާ ކުލައެއް ނުވަތަ އޮބްސިޑިއަންއެވެ.

ހިޖާބު އަޅާ އެތުލީޓުންނަށް ނައިކީން ތައާރަފްކުރި ސްޕޯޓްސްވެއާ: އެ ސްޕޯޓްސްވެއާ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައި ---

ނައިކީން ބުނީ، އެކުންފުނިން ހިޖާބް ސްޕޯޓްސްވެއާއެއް ތައްޔާރުކުރުމުގެ ހިޔާލު ލިބިފައިވަނީ އޮލިމްޕިކް ގޭމްސް 2012ގެ 800 މީޓަރު ދުވުމުގައި ވާދަކުރި ސައުދީ އަރަބިއްޔާ ދުވުންތެރިޔާ ސާރާ އައްތާރާއި އޮލިމްޕިކް ގޭމްސް 2016ގައި އެކުވެރި އަރަބި އިމާރާތުގެ ވެއިޓްލިފްޓަރު ބޭނުންކުރި ސްޕޯޓްސްވެއާތަކުން ކަމަށެވެ.

ނައިކީގެ ހިޖާބު ސްޕޯޓްސްވެއާ ޓެސްޓްކޮށް ދައްކާލި ނަމަވެސް، ބާޒާރަށް އެ ސްޕޯޓްސްވެއާ ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ.