30 Jun 2011, 17:06
ރާއްޖޭގައި ޑެންގީ ހުން ވަރަށް ބާރަށް ފެތުރެމުންދާތީ، ޑެންގީ ކޮންޓްރޯލް ކުރެއްވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ޤައުމީ ޓާސްކް ފޯހެއް މިއަދު އުފައްދަވައިފި އެވެ.
އެ ޓާސްކްފޯހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި، ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލާއި ހޯމް މިނިސްޓަރު ހަސަން އަފީފާއި އެޑިޔުކޭޝަން މިނިސްޓަރު ސިފާ މުހައްމަދާއި ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒާއި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި، މާލޭސިޓީގެ މޭޔަރު ސަރަނގު އާދަމް މަނިކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ އިބްރާހީމް މުހައްމަދު ރަޝީދެވެ.
އެ ޓާސްކްފޯހުން ކުރުމަށް ހަމަޖައްސާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޑެންގީ ހުމުގެ ނުރައްކާތެރިކަން އާންމުންނަށް އޮޅުން ފިލުވައިދިނުމާއި އެކަމުގެ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް، އެކި ޕްރޮގްރާމްތައް ހިންގުމާއި ބަލިން ރައްކާތެރިވުމަށް މިވަގުތަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުގެ ކަމާ ބެހޭ ދާއިރާތައް މެދުވެރިކޮށް، އެޅުން ހިމެނެ އެވެ. މީގެތެރޭގައި، އާންމު ސާފުތާހިރުކަން ބެލެހެއްޓުމާއި ޑެންގީ ހުން ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވާތީ، ކުޑަކުދިންނަށް އަމާޒުކޮށްގެން ފިޔަވަޅުތަކެއް އެޅުން ހިމެނެ އެވެ.
ޑެންގީ ކޮންޓްރޯލް ޕްރޮގްރާމް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ މި އުފެއްދެވި ޓާސްކްފޯހުގެ މަސައްކަތްތައް ހިނގަމުންދާނީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޑެންގޫ ހުން ކޮޓްރޯލު ކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގަން މިފެށީ، އެ ހުމުގައި 48 ގަޑި އިރުގެ ތެރޭގައި ހަތަރު ކުއްޖަކު މަރުވި ފަހުންނެވެ.