ކަމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް) އަކީ ކުޅިވަރުގެ މީހެއް ނޫނޭ ބުނާ މީހުންނަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު އަދި ރާއްޖޭން ބޭރުގައި ބޭއްވި މުބާރާތެއްގެ ރަން މެޑަލް ހޯދި ފުރަތަމަ ދިވެހި ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ޓީސީގެ ކާމިޔާބީ ފާހަގަކުރުމަށް އެފްއޭމް ކުރިމަތީގައި އެ އިދާރާއިން އިންތިޒާމް ކޮށްގެން ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ކަމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް) އަކީ ކުޅިވަރުގެ މީހެއް ނޫނޭ ބުނާ މީހުންގެ ކޯތާފަތްމަތީގައި ޓީސީގެ މި ކާމިޔާބީން ތަފާލެއް ޖަހައިފިކަމަށެވެ.

ނިޒާމްބެ ބުނީ ރާއްޖޭގެ ކުލަބު ފުޓްބޯޅައިގެ ތާރީހުގައިވެސް ހޯދި އެންމެ ބޮޑު ކާމިޔާބީ ޓީސީން ހޯދި ހޯދުމުގެ އަސްލަކީ ޓީސީ ފުރަތަމަ ޑިވިޝަނަށް ގެނެސް، ފުޓްބޯޅައިގެ ތެެރެއަށް ނެރެދިނުމަށް އޭރުގެ ކުލަބުގެ ރައީސްގެ ހައިސިއްޔަތުން ޑޭވް އެޅުއްވި ވަރުގަދަ ބިިންގާ ކަމަށެވެ.

ނިޒާމްބެ ބުނީ މި ސަބަބައްޓަކައި ޑޭވް އަކީ ކުޅިވަރުގެ މީހެއް ނޫނޭ ބުނާ ކޮންމެ މީހަކަށް ޓީސީގެ ކާމިޔާބީން ވަރުގަދަ މެސެޖެއް ލިބޭ ކަމަށެވެ.

" ޑޭވް އެ މަގާމަށް އައިމަ ބަޔަކު ބުނި ޑޭވް އަކީ ކުޅިވަރަށް ކީއްކޮށްދިން މީހެއްހޭ، ނަމަވެސް އަޅުގަނޑަށް ހީވަނީ އެހެން ބުނި މީހުންގެ ކޯތާފަތްމަތީގައި "ސްލެޕް" އެއް ކަންނޭންގެ މި ޖެހީ،" ޓީސީގެ ކާމިޔާބީގައި ޑޭވްގެ ހިއްސާ ބޮޑު ކަން ސިފަކޮށްދެމުން ނިޒާމްބެ ބުންޏެވެ.

މި ހަފްލާގައި ވާހަކަދައްކަމުން ނިޒާމްބެ ވަނީ ޓީސީއަށް ލިބުނު މިކާމިޔާބީގައި ރާއްޖޭގެ ސަރުކާރުން ކޮށްދިން މަސައްކަތަށާއި އެފްއޭއެމުން ފަހިކޮށްދިން ފުރުޞަތުތަކަށާއި ދިވެހި ކުޅިވަރު ނޫސްވެރިންނަށްވެސް ޝުކުރު އަދާކޮށްފައެވެ.