ބޯންމައުތުގެ ޓައިރަން މިންގްސްއަށް އުޅަނބޮށިން ހަމަލާދިން މައްސަލާގައި މެންޗެސްޓާ ޔުނައިޓެޑްގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފިއެވެ.

އިނގިރޭސި އެފްއޭއިން ވަނީ އިބްރަހިމޮވިޗަށް ތިން މެޗުގެ ސަސްޕެންޝަނެއް ދީފައިވާ ކަމަށާއި އޭނާ އެ ސަސްޕެންޝަން ގަބޫލުކޮށްފައިވާކަން ވެސް އިއުލާންކޮށްފައެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ކުޅުނު މެޗުގައި ހިނގި ހާދިސާއާ ގުޅިގެން އިބްރަހިމޮވިޗް ސަސްޕެންޑްކުރުމުން އޭނާއަށް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗާއި، ޕްރިމިއާ ލީގުގައި މިޑްލްސްބަރާ އަދި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެއެވެ.

މިސީޒަނުގައި ޔުނައިޓެޑަށް 26 ލަނޑު ކާމިޔާބުކޮށްދީފައިވާ އިބްރަހިމޮވިޗަށް ދެން އެޓީމަށް ކުޅެވޭނީ އޭޕްރީލް 4ގައި އެވަޓަންއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުން ފެށިގެންނެވެ.

އިބްރަހިމޮވިޗް ސަސްޕެންޑްކުރީ ޑޮމެސްޓިކް މުބާރާތްތަކުގައި ކުޅޭ މެޗުތަކަށް އެކަނި ކަމަށްވުމުން، ޔޫރޮޕާ ލީގުގައި އަންނަ ބުރާސްފަތި ދުވަހު ރޮސްޓޯވްއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނަ މެޗުގައި އޭނާއަށް ކުޅެވޭނެއެވެ.

ބޯންމައުތާއި ޔުނައިޓެޑް ކުޅުނު މެޗުގައި އިބްރަހިމޮވިޗަށް ހަމަލާ ދިނުމުން މިންގްސްއަށް ވެސް އަދަބު ދިނުމަށް ވަނީ ނިންމައިފައެވެ. އިބްރަހިމޮވިޗް ވެއްޓިފައި އޮއްވާ، އޭނާގެ ބޯ މައްޗަށް މިންގްސް ފައިން އެރުމުން އަދަބުދޭން ނިންމި ނަމަވެސް، އޭނާއަށް އަންނާނީ ކިތައް މެޗުގެ ސަސްޕެންޝަން ކަމެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި މިވަގުތު ޔުނައިޓެޑް އޮތީ ތާވަލުގެ ހަ ވަނައިގައެވެ. ޔުނައިޓެޑާ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ.