ލިވްއަބޯޑް އެސޯސިއޭޝަން (ލޭމް)އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބޯޓިން އެވޯޑުގެ މިއަހަރުގެ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބޯޓިން އެވޯޑު އެންމެ ފުރަތަމަ ރާއްޖޭގައި ބޭއްވީ 2014 ވަނަ އަހަރު އެވެ. މިއަހަރުގެ އެވޯޑު ހަފްލާ އަކީ އޯގަނައިޒް ކުރަނީ ޔުނިކާ ޕްރައިވެޓް ލިމިޓެޑުންނެވެ. ބޯޓިން އެވޯޑްސްގެ މިއަހަރުގެ ހަފްލާ، މިއަހަރުގެ އޮކްޓޯބަރު މަހު ބާއްވަން ނިންމާފައިވާއިރު، އެ ހަފްލާގައި ޖުމްލަ 25 ކެޓަގަރީއަކުން އެވޯޑު ދޭން ވަނީ ހަމަޖައްސާފައެވެ.

ލޭމް އިން ދެމުން އަންނަ މި އެވޯޑުގެ މަގުސަދަކީ ރާއްޖޭގައި ސަފާރީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެ ފަރާތްތަކުން ދެމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.

އެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ލޭމް އިން ބުނި ގޮތުގައި ބޯޓިން ދާއިރާގައި އުޅޭ ފަރާތްތަކަށް އަމިއްލައަށް ވެސް ނަން ހުށަހެޅިދާނެ އެވެ. އަދި އެހެން ފަރާތަކަށްވެސް ނަން ހުށަހެޅިދާނެ އެވެ. ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާފައިވާއިރު ނޮމިނޭޓް ކުރާ ފަރާތްތަކަށް ވޯޓު ދިނުމުގެ ފުރުސަތު ޖޫން މަހުން ފެށިގެން އޮގަސްޓުގެ ނިޔަލަށް ހުޅުވާލާނެ އެވެ.

މި އެވޯޑަށް ނޮމިނޭޓް ވާ ފަރާތްތަކަށް ވޯޓު ލުން ކުރިއަށްދާނީ އޮންލައިން ކޮށެވެ.