07 Mar 2017, 22:52
ރާއްޖެއާ ޗަައިނާއާ ދެމެދު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ފަހު މަޝްވަރާތައް މާދަމާ ބަނޑޮސް މޯލްޑިވްސްގައި ބާއްވަން ހަމަޖައްސައިފިއެވެ.
ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށްޓަކައި ހަތަރު މަޝްވަރާއެއް ބާއްވާފައިވާ އިރު، ނިމިދިޔަ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވީ އެންމެ ފަހު މަޝްވަރާތައް ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ރާއްޖެއިން މަހާއި ޗައިނާއަށް އެކްސްޕޯޓު ކުރުމާ ގުޅޭގޮތުންނެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން އެންމެ ފަހުން މަޝްވަރާކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުގައެވެ.
މާދަމާ ބަނޑޮހުގައި ބާއްވާ މަޝްވަރާތަކަކީ އެ އެއްބަސްވުމާ ގުޅޭ އެންމެ ފަހުގެ މަޝްވަރާއެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރަން ނިންމާފައިވަނީ ކޮން ކޮން ކަންކަމަކާ ގުޅޭ ގޮތުން ކަމެއް ސާފު ނުވެއެވެ. ނަމަވެސް ޗައިނާގެ ފަރާތުން އެ މަޝްވަރާތަކުގައި ބައިވެރިވާ އޮފިޝަލުން ވަނީ މިހާރު ރާއްޖެ ވަޑައިގެންފައެވެ.
އެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން، މިއަހަރުގެ އޭޕްރިލް މަސް ނިމުމުގެ ކުރިން ޗައިނާއާ ރާއްޖެއާ ދެމެދު ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ.
ޗައިނާއާ ރާއްޖެއާ ދެމެދު އެކުލަވާލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖެއިން ނުލިބޭ ސީފުޑްގެ ބާވަތްތައް ރާއްޖެ އެތެރެކޮށް، އެތަކެތި ޕެކޭޖު ކުރުމަށްފަހު ޗައިނާއަށް އެކްސްޕޯޓު ކުރުމުގެ މަގު ފަހިވާނެ އެވެ.
މިނިސްޓަރު ސައީދު މީގެ ކުރިން ވިދާޅުވެފައި ވަނީ، ޗައިނާއާއި ރާއްޖެއާ ދެމެދު އެކުލަވާލަން ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ރާއްޖޭގައި ނުބާނާ ބައެއް ކަހަލަ މަހުގެ ބާވަތްތަކާއި ސީފުޑް ރާއްޖެ އެތެރެކޮށް، އެތަކެތި ރާއްޖޭގައި ޕެކޭޖު ކުރުމަށްފަހު ޗައިނާގެ މާކެޓަށް ސުން ޕަސަންޓުގައި އެކްސްޕޯޓު ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.