ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލޭ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީންގެ ބަންދަށް އަނެއްކާވެސް 13 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މިއީ ޒައިދުގެ ބަންދުގެ މުއްދަތު އިތުރުކުރި ފަސް ވަނަ ފަހަރެވެ. ޒައިދު ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އޭގެ ފަހުން ފަސް ފަހަރެއްގެ މަތިން ޒައިދުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާއިރު އެއްފަހަރު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. ނަމަވެސް މިދިޔަ މަހުގެ 22 ވަނަ ދުވަހު، ޒައިދު އަނެއްކާވެސް ފުލުހުންގެ ބަންދަށް ބަދަލުކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ސަބަބެއް ކަމަށް އަމުރުގައި ވަނީ "މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި"އެވެ.

ފުލުހުންގެ ބަންދަށް ބަދަލުކުރުމުން ޒައިދު މީގެ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު ބްލެކްމެއިލްކުރީ ކާކުކަން ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއިން އެއްވެސް އެއްޗަކުން އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.

ޒައިދު އަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއިދުކުރައްވާ ބޭފުޅެކެވެ. ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން ވަކިކޮށްފައެވެ.