ބެލެނިވެރިންނާއި ޓީޗަރުން، ދަރިވަރުންނަށް މިހާރަށް ވުރެ ބޮޑަށް އަޅާލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އެކަމަށް ބާރު އަޅުއްވާ ވާހަކަ ދެއްކެވީ ކުޑަފަރީ ސްކޫލްގައި މިއަދު ހެނދުނު ބޭއްވެވި އެ ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުންޏެެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ކާމިޔާބަށް ޓަކައި ސްކޫލްތަކުން އޯލެވެލް ހަދާ ކުދިންގެ 60 އިންސައްތަ ކުދިންނަކީ މަދުވެގެން ފަސް މާއްދާއިން ދަށްވެގެން "ސީ" ފާހަށް ވުރެ މަތިން ފާސްވާ ކުދިން ކަމުގައި ވާންޖެހޭނެ ކަމަށް ވިދާޅުވަމުން، އެފެންވަރުގައި ފާސްނުވާ ކުދިންނަށް ދެން އޮތް ފުރުސަތުތަކުގެ މައްޗަށް ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން އެފަދަ ކުދިންނަކީ މަސައްކަތްތެރި ކަމުގެ ހުނަރު ހުންނަން ޖެހޭނެ ކުދިން ކަމުގައި ވިދާޅުވެ، އާދައިގެ ވަޒީފާތަކަށް ބިދޭސީން ގެންނަން ޖެހެނީ، އެފަދަ ވަޒީފާގައި ކުރަންޖެހޭ މަސައްކަތްތައް، ސްކޫލް ނިންމާ ދިވެހި ކުދިންނަށް ދަސްވެފައި ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އޯލެވެލް އިން ފާސްވާ ކުދިންގެ ނިސްބަތް އިތުރު ކުރުމަށްޓަކައި ސްކޫލް ހިންގާގޮތާއި، ކިޔަވައިދިނުމަށް ގެންގުޅޭ ވަސީލަތްތަކާއި، ރައްޔިތުން ގެންގުޅެންވާ ވިސްނުން ބަދަލުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ ސްމާޓް ސްކޫލް ކުޑަފަރީގައި ތައާރަފް ކުރުމަކީ، ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމުގައި ވިދާޅުވެ، އެފަދަ ސްކޫލެއްގައި ކިޔަވައިދިނުމުގައި ބޭނުންކުރެވޭނީ، އެންމެ ޒަމާނީ ވަސީލަތްތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އެގޮތުން ދަރިވަރުންނަށް ސްމާޓް ބޯޑާއި، މަލްޓި މީޑިޔާގެ އެހީގައި ކިޔަވައިދިނުން، ކުޑަފަރީގައި ފަހިވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ކިޔެވުމަށް ސަމާލުކަންދީ، އިމްތިހާނުތަކަށް ދުރާލާ ތައްޔާރުވުމަށް ކިޔަވާ ކުދިންނަށް ނަސޭހަތްތެރިވެވަޑައިގެން، ކުޑަފަރީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ކާމިޔާބު ހޯދި ކުދިންގެ ކާމިޔާބީ ފާހަގަކުރައްވަމުން، އެކުދިންނަށް ތަހުނިޔާ ވިދާޅުވި އެވެ.