30 Jun 2011, 16:32
ރާއްޖޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ޑެންގީ ހުމާ މެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން މިއަދު ފަށައިފި އެވެ. އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް ޑރ. އިބުރާހީމް ދީދީ ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް ރާވާފައިވާ ޕްރޮގްރާމްގެ ފެށުން ކަމަށެވެ.
ޑެންގީހުމާ މެދު ހޭލުންތެރިކަން އުފެއްދުމާއި މަދިރި ނައްތާލުމަށް އެމްޑީޕީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރޭގައި ޑެންގީ ހުމާއި މަދިރި ނައްތާލުމާ ބެހޭ މައުލޫމާތު ހިމެނޭ ލީފްލެޓްތައް ބެހުމަށާއި މަދިރި އުފެދޭ ގޮތަށް ތަންތަން ހުރިތޯ ބެލުމަށް ދޮރުން ދޮރަށް ހިނގުން ހިމެނޭ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ. އަދި މީޑިއާ މެދުވެރިކޮށް މައުލޫމާތު ދިނުމާއި އެންޖީއޯތަކާއި ޑޮކްޓަރުންނާއި އާއްމުން ބައިވެރިކޮށްގެން އެމްޑީޕީ ހަރުގޭގައި މާދަމާރޭ ބޮޑު ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ދޮރުން ދޮރަށް ހިނގުމަށް ހޮނިހިރު ދުވަހު ނުކުމެ، ގޭގޭގައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން، ގޭގެ ވެރިންނާ ސުވާލުކޮށް، އެފަދަ ތަންތަން ނައްތާލުމަށް އެހީތެރިވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ މިފަދަ ކަންކަމުގައި ސިޔާސީ ކުލަ ޖެއްސުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
މަދިރިއުފެދޭ ތަންތަން ނައްތާލައި އަދި އާންމުން ހޭލުންތެރި ކުރުވުމުގެ ކެމްޕޭނެއް އެމްޑީޕީން މި ފެށީ، ޑެންގީ ހުން ޖެހިގެން 48 ގަޑި އިރުގެ ތެރޭގައި ހަތަރު ކުއްޖަކު މަރުވި ފަހުންނެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ބައިވެރިވަޑައިގަތީ އެ ޕާޓީގެ ރައީސް އިބުރާހިމްދީދީ އާއި ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ވަހީދު އަދި ހާމިދު އަބުދުލް ޣަފޫރާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މައިޒާން އަލި މަނިކެވެ.