07 Mar 2017, 12:16
އޭޝިއަން ކަޕް ކޮލިފައިން ބުރުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ފަލަސްތީނު ގައުމީ ޓީމު ގަތަރުގައި ކޭމްޕް ކުރުމަށް ނިންމައިފިއެވެ.
އޭޝިއަން ކަޕްގެ ކޮލިފައިން ބުރުގެ 'ގްރޫޕް ޑީ'ގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ގަތަރުގައި ކޭމްޕްކޮށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ.
ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް 2014ގެ ފައިނަލް މެޗުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ފަލަސްތީނަށް ތަރުހީބުދެނީ --- ސަން ފައިލް ފޮޓޯ
ކޮލިފައިން ބުރުގައި ފަލަސްތީން ކުޅޭ ފުރަތަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަން ޖެހޭނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާލޭގައެވެ. އެ މެޗަށް ތައްޔާރުވުމަށް ފަލަސްތީނު ވަނީ މިދިޔަ މަހު ފަރިތަކުރުންތައް ފަށައިފައެވެ. ކޮލިފައިން ބުރުގެ 'ގްރޫޕް ޑީ'ގައި ރާއްޖެއާއި ފަލަސްތީންގެ އިތުރުން ދެން ހިމެނެނީ އޯމާން އަދި ބޫޓާން އެވެ.
ފުރަތަމަ މެޗު ރާއްޖޭގައި ކުޅޭއިރު، ގައުމީ ފުޓްބޯޅަ ދަނޑަކީ ފަލަސްތީނަށް އާ ދަނޑެއް ނޫނެވެ. އޭއެފްސީ ޗެލެންޖް ކަޕް 2014ގެ ތަށި ފަލަސްތީނު އުފުލާލީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ރާއްޖޭގައި ބޭއްވި އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި، މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ފަލަސްތީނު ހިމެނުނު ގްރޫޕްގެ ތިންވަނަ ހޯދުމުން ފަލަސްތީނު ވަނީ ޕްލޭއޯފް ބުރު ނުކުޅެ، އޭޝިއަން ކަޕް ކޮލިފައިންގެ ޖާގައެއް ލިބިފައެވެ. ރާއްޖެއަށް ކޮލިފައިންގެ ޖާގައެއް ލިބުނީ ޕްލޭއޯފްގެ ދެވަނަ ބުރުގައި ލާއޯސް އަތުން ކުރި ހޯދައިގެންނެވެ.
ރާއްޖޭގައި ބޭއްވި އޭއެފްސީ ކަޕް 2014ގެ ތަށި ފަލަސްތީނުން އުފުލާލަނީ --- ސަން ފައިލް ފޮޓޯ
ވޯލްޑް ކަޕް ކޮލިފައިންގައި ފަލަސްތީނު ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އޭޝިއާ ސަރަހައްދުގެ 'ގްރޫޕް އޭ'ގައި ވާދަކޮށް ފަލަސްތީނު ބަލިވެފައި ވަނީ ގްރޫޕްގެ އެއްވަނަ ހޯދި ސައުދީ އަރަބިއާއާއި، އެކުވެރި އަރަބި އިމާރާތާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު ދެ މެޗުންނެވެ. އަމިއްލަ ދަނޑުގައި އެ ދެޓީމާ ދެކޮޅަށް ކުޅުނު މެޗު ނިންމާލީ ޕޮއިންޓެއް ހޯދައިގެންނެވެ. ރަށުން ބޭރުގައި ކުޅުނު ދެ މެޗުން ވެސް ފަލަސްތީން ބަލިވީ ހަނި ތަފާތަކުންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މެލޭޝިއާއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ފަލަސްތީން ވަނީ 6-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެފަ އެވެ. ޓިމޯ ލެސްޓޭއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 7-0 ލަނޑުން ފަލަސްތީން މޮޅުވިއިރު، ރަށުން ބޭރުގައި ކުޅުނު މެޗު ނިންމާލީ ޕޮއިންޓެއް ހޯދައިގެންނެވެ.