30 Jun 2011, 16:14
ވިހެއުމަށް ފަހު އެއްލާލާފައި އޮއްވައި ގދ. ތިނަދޫން މިދިޔަ އަންގާރަ ދުވަހު ފެނުނު ތުއްތު ފިރިހެން ކުއްޖާ މާލެ ގެނެސް، ވިލިމާލެ ކުޑަކުދިންގެ ހިޔަލާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓަރު ނައިބު ފާތުމަތު އާފިޔާ ވިދާޅުވި ގޮތުގައި އެ ކުއްޖާ ބަލަހައްޓަމުން ދަނީ ކުޑަކުދިންގެ ހިޔަލުގައި ކަމަށެވެ. އަދި ކުރިން ވެސް މިނިސްޓްރީން އަމަލުކުރަމުން އަންނަ އުސޫލުގެ މަތިން އެ ކުއްޖާ ފުދުންތެރި އާއިލާއަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އާފިޔާ ވިދާޅުވި އެވެ.
ނަމަވެސް، ކުއްޖާ އާއިލާއަކާ ހަވާލުކުރާނީ ފުލުހުންގެ އިންވެސްޓިގޭޝަން ނިމި، ކުއްޖާގެ އާއިލާ ނުވަތަ ބަލަދުވެރި ފަރާތެއް ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުނުވެއްޖެ ކަމަށްވާ ނަމަ ކަމަށް ވެސް ހެލްތުގެ ނައިބު ވިދާޅުވި އެވެ.
ތިނަދޫ ރަށު ކައުންސިލްގެ ރައީސް ވިދާޅުވީ، ޖެންޑާގެ އޮފިޝަލުން އެ ރަށަށް ގޮސް އެ ކުއްޖާ މާލެ ފޮނުވީ އިއްޔެ ހަވީރު 5:30 އެހާކަންހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ތުއްތު ކުއްޖާގެ މަންމަ ހޯދުމަށް ފުލުހުން ދަނީ އެ އަތޮޅުގެ ރަށް ތަކުގައި އަދިވެސް ހަރަކާތް ތެރިވަމުން ކަމަށެވެ. އެ ކުއްޖާގެ މަންމަ ކަމަށް ޝައްކު ކުރެވުނު ގައްދޫ ތިން އަންހެނަކު ޓެސްޓުކޮށްފައި ވެސްވެ އެވެ. ނަމަވެސް، ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ.
ތިނަދޫ ގެއެއްގެ ގަރާޖެއްގެ ތެރެއިން ވިހާފައި، ފޫޅުދަނޑިއާ ވެސް އެއްކޮށް އޮތް އެ ކުއްޖާ ފެނުނީ މި މަހުގެ 21 ވަނަ ދުވަހެވެ. މިއީ ވިހާފައި އެއްލާލައިފައިވަނިކޮށް ދިރިއޮއްވައި އޮއްވާ ފެނުނު ދެވަނަ ކުއްޖާ އެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު ތެރޭ ހުޅުމާލެ އަތިރިމަތިން ވެސް ވިހައިފަ އެއްލާލައިފަ އޮތް ކުއްޖަކު ދިރިއޮއްވައި ފެނިފައިވެ އެވެ.
ނަމަވެސް، މިދިޔަ މެއި މަހު މާލެއިންނާއި ހުޅުމާލެ އިން އަދި ވިލިގިނލީގައި އެއްލާލާފައި އޮއްވާ ފެނުނު ތިން ކުދިން އޮތީ މަރުވެފަ އެވެ. ހުޅުމާލެ އިން ފެނުނު ކުއްޖާ ފިޔަވައި އަނެއް ދެ ކުދިންނަކީ ދުވަސްނުފުރާ އުފަންވެފައިވާ ދެ ކުދިންނެވެ.