ދިވެހި ރާއްޖޭގައި އަދިވެސް އިތުރު އެއާޕޯޓްތައް އަޅާނެކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ފަސް ރަށެއްގައި އަންނަ އަހަރު އޮކްޓޫބަރު މަހަށް ހުޅުވަން އެއާޕޯޓް އެޅުމަށް މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ސަރުކާރުގެ ދަތުރުފަތުގެ ނިޒާމްގެ ތެރެއިން މިއަދު ހަވާލުކުރި ފަސް އެއާޕޯޓުގެ އިތުރުންވެސް އެއާޕޯޓްތައް ހަދާނެ ކަމަށެވެ.

"40 މިނެޓާއި 30 މިނެޓާއި ދެމަދަށް އެއާޕޯޓަކުން ލޯންޗެއްގައި ދެވޭ ހިސާބް އެއީ އަޅުގަނޑުމެން ޓާގެޓްކުރާ ހިސާބަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެއީ ކިތައް އެއާޕޯޓްތޯ ސަންއިން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ޅ.ފެލިވަރާއި މ. އަތޮޅުގައިވެސް އެއާޕޯޓެއް އެޅުމަށް ނިންމާފައިވާއިރު ޓޫރިޒަމަށް ބަލައި އެއާޕޯޓްތައް އަޅާނެ ކަމަށެވެ. އަޅަނީ ސީދާ ކިތައް އެއާޕޯޓްކަމެއް ވިދާޅެއްނުވެއެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓްތައް އެޅުމުގެ ސަބަބުން އިގްތިސާދީ ގޮތުން މިހާރު ކުރިނާރާ ހިސާބްތަކަށް ކުރިއެރުން ލިބޭނެ ކަމަށެވެ.

މިއަދު 57.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފަސް އެއާޕޯޓް އަޅަން ހަވާލުކޮށްފައިވަނީ ހދ.ކުޅުދުއްފުޓާއި ފ.ނިލަންދުއާއި ގދ.މާވަރުލު އާއި ފަރެސްމާތޮޑާ އާއި ށ.ފުނަދޫގައެވެ.

މިހާރު ރާއްޖޭގައި 11 އެއާޕޯޓެއް އޮޕަރޭޓްކުރާއިރު ދ.ކުޑަހުވަދޫ އެއާޕޯޓް މިމަސްތެރޭގައި ހުޅުވުމަށް ވަނީ ނިންމާފައެވެ.