07 Mar 2017, 11:38
މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް އެކުލަވާލާފައިވާ އޮނިގަނޑު، "ސެންޑާއި ފްރޭމްވޯކް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން" އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.
"ސެންޑާއި ފްރޭމްވޯކް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން" އަކީ ޖަޕާނުގެ ސެންޑާއީގައި މިދިޔަ އަހަރު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ބައްދަލުވުމެއްގައި ބައިވެރިވެ އެކުލަވާލި އޮނިގަނޑެކެވެ. އެ ފްރޭމްވޯކަށް އަމަލުކޮށް، އެ ފްރޭމްވޯކްގައިވާ ގޮތްގޮތަށް ކަންކަން ކުރަން ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެއްބަސްވީ މިދިޔަ އަހަރުގެ މާޗް މަހު ތެރޭގަ އެވެ.
މިއަދުގެ މަސައްކަތު ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެގޮތުން މިއަދު ވަނީ އެ އޮނިގަނޑު ރާއްޖެއަށް ތައާރަފްކޮށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓާ (އެންޑީއެމްސީ) އާ ގުޅިގެން ޔޫއެން އޮފީސް ފޯ ޑިޒާސްޓާ ރިޑަކްޝަން އިން ރާއްޖޭގެ އެކި މުއައްސަސާތަކާއި މޫސުމާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އޮނިގަނޑާ ގުޅޭ މައުލޫމާތު ދޭން ފަށައިފަ އެވެ.
މިއަދުގެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ކުރެވެން ހުރި މަސައްކަތެއް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ.
މިއަދުގެ ތަމްރީނު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ތަސްނީމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
"ކާރިސާތަކުން ސަލާމަތްވުމަށް އަދި ކާރިސާތަކުގެ ގެއްލުން ކުޑަކުރަން މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް. ނަމަވެސް އެކަމާ ގުޅޭ ފުރިހަމަ ތަމްރީނު ނުވަތަ މައުލޫމާތު ލިބިގެން ނޫނީ މި ކަންކަމާ ކުރިމަތިލާން އެބަ އުނދަގޫވޭ،" ފާތިމަތު ތަސްނީމް ވިދާޅުވި އެވެ.
މިއަދު ހެނދުނު ޗަޕްމާ ހޮޓެލްސްގައި ފެށި ތަމްރީނު ޕްރޮގްރާމަކީ ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. އެ ތަމްރީނު ޕްރޮގްރާމްގައި އެމްއެންޑީއެފާއި ކޯސްޓްގާޑާއި ސަރުކާރު އެހެނިހެން މުއައްސަސާތަކާއި ކަމާގުޅޭ ފަރާތްތަކުން ބައިވެރިވެ އެވެ.