07 Mar 2017, 09:50
ސޯލް (މާޗް 7): އުތުރު ކޮރެއާގައި ތިބި މެލޭޝިއާގެ ރައްޔިތުން އެގައުމު ދޫކޮށް ދިޔުން މަނާކޮށްފި ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ ނޫސް އޭޖެންސީ ކޭސީއެންއޭގައިވާ ގޮތުން 'މެލޭޝިއާއާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލުވަންދެން' އެ ގައުމުގެ ރައްޔިތުންނަށް އުތުރު ކޮރެއާ ދޫކޮށް ދިޔުން މަނާވާނެ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން މެލޭޝިއާ އިން މިހާރު ވަނީ އެގައުމުގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގެ އޮފިޝަލުން އެގައުމު ދޫކޮށް ދިޔުން މަނާކޮށްފަ އެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް މެލޭޝިއާގެ އެއާޕޯޓެއްގައި ހުންނަވަނިކޮށް އޭނާ އަވަހާރަކޮށްލުމާ ގުޅިގެން މެލޭޝިއާއިން ކުރިއަށްގެންދާ ތަހުގީގުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.
ކިމްގެ މަރުގެ ފަހަތުގައި ވަނީ އުތުރު ކޮރެއާ ކަަމަށް މެލޭޝިއާ އިން ބުނެފައި ނުވި ނަމަވެސް ދެކުނު ކޮރެއާއިން ވަނީ ކިމް ޖޮންގް ނަމް އަވަހާރަކޮށްލީ ކިމް ޖޮންގް އުންގެ އަމުރަށް ކަމަށް ބުނެފަ އެވެ.
އުތުރު ކޮރެއާ އިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ކިމްގެ މަރާ ގުޅިގެން މެލޭޝިއާ އިން ކުރިއަށް ގެންދާ ތަހުގީގު ވަނީ ސިޔާސީކޮށްފައި ކަމަށާއި ބޭރުގެ ފަރާތްތަކުން އެތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އުތުރު ކޮރެއާގެ ސަފީރު ވަނީ ވިދާޅުވެފަ އެވެ.
އޭގެ ފަހުން މެލޭޝިއާ އިން ވަނީ އުތުރު ކޮރެއާގެ ސަފީރު މެލޭޝިއާ އިން ބޭރުކޮށްލައިފަ އެވެ. އަދި އުތުރު ކޮރެއާ އިން ވަނީ އެ ގައުމުގައި ހުންނަވާ މެލޭޝިއާގެ ސަފީރު ވެސް އެގައުމު ދޫކޮށް ދިޔުމަށް އަމުރުކޮށްފަ އެވެ.
މީގެ އިތުރުން، ކިމްގެ ޕޯސްޓްމޯޓަށް އިން އެނގިގެންދިޔައީ އޭނާ އަވަހާރަކޮށްލީ ނާރުގެ ނިޒާމަށް ހަމަލާދޭ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ވީއެކްސް ބޭނުންކޮށްގެން ކަމަށް މެލޭޝިއާ އިން ބުނުމާ ގުޅިގެން އުތުރު ކޮރެއާއިން ވަނީ ޕޯސްޓްމޯޓަމްގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށާއި ކިމްގެ ހަށިކޮޅު އުތުރު ކޮރެއާއާ ހަވާލު ކުރުމަށް ބުނެފަ އެވެ.
މިދިޔަ މަހުގެ 13 ވަނަ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި އަވަހާރަވީ ކިމް ޖޮންގް ނަމް ކަމަށް އުތުރު ކޮރެއާއިން އަދި ބުނެފައި ނުވެ އެވެ. ނަމަވެސް އެގައުމުން ވަނީ އުތުރު ކޮރެއާގެ ރައްޔިތަކުން މެލޭޝިއާގައި މަރުވެފައިވާ ކަމަށާއި އޭނާގެ މަރުގެ ޒިންމާ އެންމެ ބޮޑަށް އެޅޭނީ މެލޭޝިއާ ސަރުކާރުގެ ބޮލުގައި ކަމަށް ބުނެފަ އެވެ.
ކިމްގެ މަރާ ގުޅިގެން މެލޭޝިއާ އިން ވަނީ އިންޑޮނޭޝިއާގެ އަންހެނަކާއި ވިއެޓްނާމުގެ އަންހެނެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. އަދި އެމައްސަލައިގައި އުތުރު ކޮރެއާގެ ދެ އޮފިޝަލަކާ ސުވާލު ކުރާނެ ކަމަށާއި، އުތުރު ކޮރެއާގެ އިތުރު ހަތަރު މީހަކު ހޯދަމުންދާ ކަމަށް ބުނެފަ އެވެ. (ބީބީސީ)