ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ރަސްކަން ކުރި އެކްޓަރު ގޯވިންދާ، ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށް ފަހު އެނބުރި އަންނަ ފިލްމު ޑިސްޓްރިބިއުޓް ކޮށްދޭނެ ފަރާތެއް ނުލިބި، ފިލްމު ރިލީޒް ކުރުން އަނެއްކާ ވެސް ފަސްކުރަން ޖެހިއްޖެ އެވެ.

ގޯވިންދާ އެނބުރި އަންނަނީ 'އާ ގަޔާ ހީރޯ' އާއެކު އެވެ. ފިލްމުގެ ޕްރޮމޯޝަން ކަންތައްތައް ވެސް ގޯވިންދާ މިހާރު އަންނަނީ ކުރަމުންނެވެ. ނަމަވެސް އަދިވެސް ފިލްމަށް ޑިސްޓްރިބިއުޓާއެއް ލިބިފައެއް ނުވެ އެވެ.

ފިލްމު ރިލީޒް ކުރަން ފުރަތަމަ ހަމަޖެއްސީ މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. ނަމަވެސް ފިލްމު ރިލީޒް ކުރުން ވަނީ މި މާޗު ތިން ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އަނެއްކާ ވެސް ފިލްމު ވަނީ މާޗު 17 އަށް ފަސްކޮށްފަ އެވެ.

ޚަބަރުތައް ބުނާގޮތުން، ފިލްމު ޑިސްޓިރިބިއުޓު ކުރުމަށް ފައިސާ ދޭން ވެސް ގޯވިންދާ ހުރީ ތައްޔާރަށެވެ.

ފިލްމު ޑިސްޓްރިބިއުޓް ކުރާ ފަރާތަކުން ބުނީ، ގޯވިންދާގެ ފިލްމު މި ޒަމާނަށް ނުފެތޭ ކަމަށެވެ. އަދި ގޯވިންދާގެ ނެށުން ފިޔަވައި ފިލްމުގައި މާ ޚާއްސަ ކަމެއް ނެތް ކަމަށާއި ޕްރޮމޯޝަން ތަކާއި ލަވަތަކުން ވެސް ފިލްމަށް މާ ގިނަ ބަޔަކު ޝައުގުވެރި ނުވާ ކަމަށެވެ.

ހަމަ އެއާ އެކު އަނުޝްކާ ޝަރްމާގެ 'ފިލޯރީ' އާއި ރާޖްކުމާރު ރާއޯގެ 'ޓްރެޕްޑް' އާއެކު ގޯވިންދާގެ ފިލްމު ރިލީޒް ކުރުން އެއްވެސް ވަރަކަށް ބުއްދިވެރި ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.