ބޮލީވުޑްގެ ކާމިޔާބު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ހުށަހަޅައިދޭ ޓޯކް ޝޯ، 'ކޮފީ ވިތު ކަރަން'ގައި ހުނަރުވެރި ބަތަލާ ކަންގަނާ ރަނައުތު ދެއްކި ވާހަކަތަކަށް ކަރަން ރައްދު ދީފި އެވެ.

ޝޯގައި ވާހަކަ ދައްކަމުން ކަންގަނާ ވަނީ ކަރަން އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެގޮތުން ކަރަން އަކީ ބޮލީވުޑުގައި ނުފޫޒު ފޯރުވާ މީހެއް ކަމަށާއި މަޝްހޫރު އާއިލާ އަކަށް ނިސްބަތް ނުވާ މީހުންނާ ތަފާތު ކުރާ މީހެއް ކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ.

ލަންޑަނުގައި ކުރިއަށް ދިޔަ އިންޓަވިއުއެއްގައި ކަރަން ވަނީ ކަންގަނާގެ ވާހަކަތަކަށް ރައްދު ދީފަ އެވެ. ކަރަން ބުނީ ކަންގަނާ އަބަދު ވެސް މަސައްކަތް ކުރަނީ އަނިޔާ ލިބިފައިވާ މީހަކަށް ވާން ކަމަށާއި އަބަދު އެގޮތަށް ކަންތައް ނުވާނެ ކަމަށެވެ.

"އަންހެނަކަށް ވީތީ ކަންގަނާ ކުޅޭ ކާޑާއި، އަބަދު އަނިޔާ ލިބިފައިވާ މީހެއް ކަމަށް ބުނެ ކުޅޭ ކާޑަށް އަހަރެން ދެން ނުބަލާނަން. މި ހިސާބުން ނިމުނީ. ކޮންމެ ކަމެއްގައި އަބަދު އަނިޔާ ލިބޭ މީހާ އަކީ ކަންގަނާއެއް ނޫން،" ކަރަން ބުނެފައިވެ އެވެ.

ކަރަން ވަނީ ފިލްމު އިންޑަސްޓްރީ އިން ކަންގަނާ އަށް ބޭއިންސާފުން ކަން ކޮށްފައިވާ ނަމަ، އަދި ފިލްމު އިންޑަސްޓްރީގައި ކަންތައްތައް ހުންނަ ގޮތް ކަންގަނާ އަށް ކަމުނުދާ ނަމަ ފިލްމީ ދާއިރާ ދޫކޮށްލަން ވެސް ބުނެފަ އެވެ.

'ކޮފީ ވިތު ކަރަން'ގައި ކަންގަނާ ދެއްކި އެއްވެސް ވާހަކަ އަކަށް، އެ ޝޯގެ ތެރެއިން ކަރަން އެއްޗެސް ބުނެފައެއް ނުވެ އެވެ.