އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހާމް ޔުނައިޓެޑް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ޗެލްސީން އަނެއްކާ ވެސް ދިހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހާމްގެ މައްޗަށް ޗެލްސީން ކުރި ހޯދާފައި ވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ވެސްޓް ހާމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

އެ ނަތީޖާއާ އެކު ތާވަލުގެ އެއްވަނާގައި ޗެލްސީ އޮތީ ކުޅުނު 27 މެޗުން ލިބުނު 66 ޕޮއިންޓާއެކު އެވެ. ދެވަނާގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް 27 މެޗުން 56 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް ކުޅުނު 26 މެޗުން ލިބިފައި ވަނީ 55 ޕޮއިންޓެވެ. ހަތަރުވަނާގައި އޮތް ލިވަޕޫލަށް ކުޅުނު މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ.

މެޗުގެ ކުރީކޮޅު ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، މެޗުގެ 25 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ކައުންޓާ އެޓޭކެއްގައި ޕެޑްރޯ ރޮޑްރިގޭޒް ދިން ބޯޅައަކުން ޗެލްސީއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ވެސް ޗެލްސީއަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ހަޒާޑް ދިން ބޯޅައަކުން ވިކްޓާ މޯސެސް ފޮނުވާލި ހަމަލާ، އާރޮން ކްރެސްވަލް ދިފާއުކުރި އިރު، ރީބައުންސް ބޯޅައިން ޕެޑްރޯ ފޮނުވާލި ހަމަލާ، ކީޕަރު ޑެރެން ރަންޑޮލްފް ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ވެސްޓް ހާމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓްފަހުން ޗެލްސީން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފަ އެވެ. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޗެލްސީއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވަޑް ޑިއޭގޯ ކޮސްޓާ އެވެ.

މެޗުގައި ވެސްޓް ހާމްއިން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގަ އެވެ. އަންދްރޫ އަޔޫ ދިން ބޯޅައަކުން ވެސްޓް ހާމްއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު މެނުއެލް ލަންޒީނީ އެވެ.