ޓީވީ ޑްރާމާތަކުން މަގުބޫލުކަން ހޯދި އެކްޓަރު ގުރްމީތު ޗޯދްރީ އާއި އޭނާގެ އަންހެނުން ދެބީނާ، ދެ އަންހެން ކުދިން އެޑޮޕްޓު ކުރަން ނިންމައިފި އެވެ.

ގުރްމީތު އާއި ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން، އެޑޮޕްޓު ކުރުމަށް ނިންމާފައި ވަނީ ގުރްމީތު އުފަން އިންޑިއާގެ ބިހާރަށް ނިސްބަތްވާ ދެ އަންހެން ކުދިން ކަމަށެވެ.

އުމުރުން ނުވަ އަހަރުގެ ލަތާ އާއި ހަ އަހަރުގެ ޕޫޖާ އަކީ މައިންބަފައިން ދުނިޔޭގައި ނެތް ދެ ކުދިންނެވެ. ދެ ކުދިން ބޮޑުބޭބެ އެއްގެ ގާތުގައި އުޅޭ އިރު، ގޭގެއަށް ގޮސް މަސައްކަތް ކޮށްގެން ފައިސާ ހޯދަ އެވެ.

ގުރުމީތުގެ ދެމަފިރިންނާއި އެ ދެ ކުދިން ފުރަތަމަ ފަހަރަށް ބައްދަލުވީ، 2014 ވަނަ އަހަރު ޖަރަމްޕުރުގައި އޮތް އާއިލާ މެމްބަރެއްގެ ކައިވެނި ހަފްލާގެ ތެރެއިންނެވެ.

އަދި އެ ދެ ކުދިންގެ ހަޔާތުގެ ވާހަކަތައް ގުރްމީތަށް ކިޔައިދިނީ އޭނާގެ މަންމަ އެވެ.

"މަންމަގެ ވާހަކަތަކަށް ފަހު އަހަރެން ދެބީނާ އާއި ވާހަކަ ދެއްކިން. ދެބީނާ ވެސް އެއްބަސްވީ ދެ ކުދިންނަށް ގެ އަކާއި، ރަނގަޅު ތައުލީމާއި ތަރުބިއްޔަތު އަދި އަހަރެންގެ ނަން ދޭން،" ގުރްމީތު ބުންޏެވެ.

ގުރްމީތު ފުރަތަމަ ނިންމީ ދެ ކުދިންނަށް ފައިސާގެ އެހީތެރިކަން ދިނުމަށެވެ. ނަމަވެސް ޖަރަމްޕޫރުގެ އާންމު ހާލަތު އޭނާ އަށް ރަނގަޅަށް އެނގޭތީ، ދެކުދިން އެޑޮޕްޓު ކުރަން ނިންމީ ކަމަށް ގުރްމީތު ވަނީ ބުނެފަ އެވެ.

މިހާރު ހުރިހާ ލިޔެކިޔުންތަކުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މާޗް 15 ވަނަ ދުވަހު އެންމެ ފަހުގެ ކަންކަން އެއްކޮށް ނިމޭނެ ކަމަށް ގުރްމީތު ވަނީ ބުނެފަ އެވެ.

"މަންމަ އަހާނެ އަހަރެމެން ކުއްޖަކު ހޯދަނީ ކޮން އިރަކުން ހެއްޔޭ. އަހަރެންނަށް މި ލިބުނީ ދެ އަންހެން ކުދިން. މިއަށް ވުރެ ބޮޑު އުފަލެއް ނެތް،" ގުރްމީތު ބުންޏެވެ.

ގުރްމީތު ބުނީ ޕޫޖާ އަދި ކުޑަ ކަމުން އޭނާ އަށް އެޑޮޕްޓު ކުރުމުގެ ކަންކަން ނުވިސްނޭ ކަމަށެވެ. ނަމަވެސް ލަތާ އަށް ކަންކަން ކުރިއަށް ދާނެ ގޮތް ކިޔައިދީފައިވާ ކަމަށާއި، އެޑޮޕްޝަންގެ ކަންތައްތައް ކުރިއަށް ދަނީ އެ ކުދިންގެ ރުހުމާއި އެކު ކަމަށެވެ.

ދެ ކުދިން އެޑޮޕްޓު ކުރި ނަމަވެސް، ދެ މީހުންގެ އަމިއްލަ ކުދިން ވެސް ހޯދާނެ ކަމަށް ގުރްމީތު ބުންޏެވެ.

"މީހުން ގަބޫލު ކުރަނީ އެޑޮޕްޓު ކުރަނީ ކުދިން ނުލިބޭތީ ކަމަށް. އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން. އަހަރެމެން ދެމީހުން ވެސް އަދި އަމިއްލަ ކުދިން ހޯދާނަން. އެއީ އަހަރެންގެ ހުވަފެނެއް. ދެމީހުންނަށް ކުދިން ލިބުމުން، އެ ކުދިން ވާނީ ލަތާ އަދި ޕޫޖާގެ ކޮއްކޮ މެންނަށް. ހުރިހާ އެންމެން އުޅޭނީ އެއް ފުރާޅެއްގެ ދަށުގައި އުފަލުން،" ގުރްމީތު ބުންޏެވެ.

ލަތާ އާއި ޕޫޖާ މި އަހަރު އެކީގައި އުޅޭނީ ޕަޓްނާގަ އެވެ. އެއީ ކުއްލިއަކަށް ކުޑަ އަވަށަކުން، މުމްބާއީގެ ހަލަބޮލި މާހައުލަށް ބަދަލުވުމުން، ދެ ކުދިންނަށް އުނދަގޫ ވެދާނެތީ އެވެ. އެއް އަހަރު ޕަޓްނާގައި ދިރިއުޅޭނީ ގުރްމީތުގެ އާއިލާ މެމްބަރުންގެ ބެލުމުގެ ދަށުންނެވެ. އަދި ޕަޓްނާގައި ދެ ކުދިން ސްކޫލަށް ދިއުމުގެ އިންތިޒާމު ވެސް ހަމަޖައްސާނެ އެވެ.

ގުރްމީތު އާއި ދެބީނާ ކައިވެނި ކުރީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.