30 Jun 2011, 15:49
ދަވްޙާ : އަލްގައިދާގެ ލީޑަރު އުސާމާ ބިންލާދިން އަވަހާރަ ކޮށްލި ކަމަށް ބުނެ އެމެރިކާ ދެއްކި ވާހަކަތައް ގަބޫލު ކުރުމަށް އުސާމާގެ ފިރިހެން ދަރިކަލެއް ކަމަށްވާ އުމަރު ބިންލާދިން ދެކޮޅު ހައްދަވައިފި އެވެ.
ގަތަރުގެ ވެރިރަށް ދަވްހާގައި ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި އުމަރު އުސާމާ ބިންލާދިން ވިދާޅުވީ އޭނާގެ ބައްޕަ އަވަހާރަކޮށްލި ކަމަށް ބުނެ އެމެރިކާއިން ދެއްކި ވާހަކަތައް ގަބޫލުނުކުރެވޭ މައިގަނޑު ސަބަބަކީ ބައްޕަގެ މަރުވެފައިވާ ހަށިގަނޑުގެ ފޮޓޯ އެމެރިކާ އަށް ދެއްކިފައިނުވާތީ ކަަމަށެވެ.
"ބައްޕަ އަވަހާރަކޮށްލި ނަމަ ފޮޓޯ ނުދައްކަންވީ ސަބަބެއް ނެތް، ފޮޓޯ ނުދެއްކުނީ އެކަން ނުކުރެވޭތީ" އުމަރު ވިދާޅުވި އެވެ.
އުމަރު އުސާމާ ބިންލާދިންއަކީ އުސާމާބިންލާދިންގެ ހަތަރު ވަނަ ދަރިކަލުންނެވެ. އުމަރު އޭނާގެ ބައްޕައާ އެކު އަފްޣާނިސްތާނުގައި ފަސް އަހަރު ދިރިއުޅުމަށް ފަހު ބައްޕައާ ވަކިވެ އަފްޣާނިސްތާނުން ފުރައިވަޑައިގަތީ 2001 ވަނަ އަހަރުގަ އެވެ.
އުމަރު ވިދާޅުވީ ޕާކިސްތާނުން މިހާރު ވެސް ވަނީ އޭނާގެ އާއިލާގެ މެންބަރުން ހިފަހައްޓާފައި ކަމަށާއި އެމީހުން މިނިވަން ކުރުމަށް އދ.ގެ އެހީގައި މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. ޕާކިސްތާނުގެ އަބޫތް އާބާދުގައި ހުރި ގެއެއްގައި ފަސް އަހަރުވަންދެން އުސާމާ ބިންލާދިން ދިރިއުޅުއްވި ކަމަށް ބުނެ އެމެރިކާ ދެއްކި ވާހަކަތައް ގަބޫލުކުރުމަށް ވެސް އުމަރު ދެކޮޅު ހެއްދެވި އެވެ. ނަމަވެސް ބައްޕަ އަވަހާރަކޮށްލުމަށް ކަމަށް ބުނެ އެމެރިކާ ދިން ހަމަލާގައި ކޮއްކޮ ހާލިދު ބިން ލާދިން މަރުވެފައިވާ ކަމަށާއި ހާލިދްގެ މަރުވެފައިވާ ހަށިގަނޑުގެ ފޮޓޯ ފެނިފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
އަބޫތް އާބާދުގައި އުސާމާ ދިރިއުޅުއްވި ކަމަށް އެމެރިކާ ބުނި ގޭގައި ތިން އަނބިންނާއި 16 އަހަރާއި 15 އަހަރުގެ އެތައް ކުއްޖަކާ އެކު އުސާމާ ދިރިއުއްވި ކަމަށް އެމެރިކާ ބުނެފައިވެ އެވެ. ނަމަވެސް މުސްތަގިއްލު އެއްވެސް ފަރާތަކުން އެކަން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
އުމަރު ވިދާޅުވި ގޮތުގައި ނަޖްވާ ނަމަކަށް ކިޔާ ދޮންމަންމައަކާ އެކު އޭނާގެ ކޮއްކޮމެން އެއް ދުވަސްވަރެއްގައި ރެފިއުޖީންގެ ގޮތުގައި އީރާނަށް ދިޔަ އެވެ. ނަމަވެސް ދައްތަ ފާތިމާ އާއި އޭނާގެ ފިރިމީހާ ފިޔަވައި އާއިލާގެ އެހެން މެންބަރުން ފަހުން އީރާން ދޫކޮށް ގޮސްފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
އަބޫތް އާބާދުގައި އުސާމާ ދިރިއުޅުއްވި ކަމަށް އެމެރިކާ ބުނި ގެއަށް މިދިޔަ މޭ މަހު ކުއްލި އަކަށް ހަމަލާދީ އުސާމާ އަވަހާރަކޮށްލި ކަމަށް އެމެރިކާ ބުނެފައިވެ އެވެ. ނަމަވެސް އެކަމާ ބެހޭ އެއްވެސް ހެއްކެތް އެމެރިކާއަށް ދެއްކިފައެއް ނުވެ އެވެ. އަދި މުސްތަގިއްލު ފަރާތަކުން މިކަން ކަށަވަރު ކޮށްދީފައެއް ވެސް ނުވެ އެވެ.
އެމެރިކާގެ އެވާހަކަތަކަށް ރައްދުދެމުން ބައެއް ފަރާތްތަކުން ވަނީ އުސާމާ ބިންލާދިން މާކުރިން އަވަހާރަވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އަބޫތު އާބާދުގައި ހުރިގެއަށް ހަމަލާދީ އެމެރިކާ ސިފައިން ކުޅުނީ އަފްޣާނިސްތާނުން ފޭބުމަށް ސަބަބެއް ހޯދުމުގެ ސިޔާސީ ޑްރާމާއެއް ކަމަށްވެސް ވަރަށް ގިނަ ބަޔަކު ދެކެ އެވެ. މީގެއިތުރުން އަލްގައިދާގެ ނަމުގައި ނެރޭ ތަފާތު ޓޭޕްތަކުގެ ފަހަތުގައިވެސް ވަނީ އެމެރިކާ ކަމަށް ގިނަ ބަޔަކު ޝައްކުކުރެ އެވެ. (އަލްޖަޒީރާ+ރޮއިޓާސް)