ސްރީލަންކާގެ ޖޯން ކީލްސް ހޯލްޑިންގްސް އިން ރާއްޖޭގައި ހިންގާ ސިނަމަން ދޮންވެލި ރިސޯޓުގެ މަރާމާތުގެ ބައެއް މަސައްކަތް މިއަހަރު ކުރުމަށާއި، އެ ރިސޯޓު ހިންގާ ރަށާ އިންވެގެން އޮންނަ ކުޑަ ރަށެއްގައި އިތުރު ހޮޓަލެއް އެޅުމަށް ނިންމައިފިއެވެ.

ސްރީލަންކާގެ އެންމެ ބޮޑު އެއް ކުންފުނި އަދި މަޝްހޫރު ސިނަމަން ބްރޭންޑުގެ ހޮޓެލް ޗެއިން ހިންގާ ޖޯން ކީލްސް ހޯލްޑިންގްސްގެ ލެއިޝާ ސެކްޓަރުން ބުނި ގޮތުގައި، ކ. ކަނުހުރާގައި ހިންގާ ސިނަމަން ދޮންވެލި ރިސޯޓުގެ 30 މޫދުކޮޓަރިއެއް މަރާމާތުކުރުމަށް މި އަހަރު ވަނީ ހަމަޖެހިފައެވެ.

ހަތަރު މިލިޔަން ޑޮލަރު ޚަރަދުކޮށްގެން އެ މަރާމާތުތައް ކުރަން ފަށާނީ މި އަހަރުގެ އޮކްޓޫބަރު މަހު އެވެ. ޖޯން ކީލް ހޯލްޑިންގްސް އިން ބުނީ އެ މަރާމާތުތައް ކުރުމަށް މޫދުކޮޓަރިތައް ބަންދުކުރާނެ ކަމަށެވެ.

ލަންކާގެ ޑެއިލީނިއުސް ނޫހަށް ދިން އިންޓަވިއުއެއްގައި ޖޯން ކީލްސްގެ ލެއިޝާ ސެކްޓާ ޕްރެޒިޑެންޓް ކިޝާން ބަލެންދްރާ ވިދާޅުވި ގޮތުގައި، ކ. ކަނުހުރާ ކައިރިން، އެރަށާ ގުޅިގައިވާ ރަށުގައި ވެސް ހޮޓަލެއް އަޅަން ވަނީ ނިންމައިފައެވެ. ކ. ކަނުހުރާ ކައިރިން އެ ރަށާ ގުޅިފައިވާ އޮންނަނީ ކ. ވަށްބޯހުރާ ކިޔާ ކުޑަ ރަށެކެވެ.

އޭނާ ވިދާޅުވީ ވަށްބޯހުރާގައި އަޅާ ހޮޓެލުގެ ތީމެއް، ނުވަތަ ސައިޒަކާ މެދު މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އަޅާ ހޮޓެލުގައި 50 އަށް ވުރެ ގިނަ ކޮޓަރި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޯން ކީލްސް ހޯލްޑިންގްސް އިން ރާއްޖޭގައި ސިނަމަން ދޮންވެލި ރިސޯޓުގެ އިތުރުން، މ. އަތޮޅު ހަކުރާގައި "ސިނަމަން ހަކުރާ ހުރާ"ގެ ނަމުގައި ވެސް އަންނަނީ ރިސޯޓެއް ހިންގަމުންނެވެ. މީގެ އިތުރުން ކ. އެއްލައިދޫގައި "އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން"ގެ ނަމުގައިވެސް ރިސޯޓެއް ހިންގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި ކޮށްފައިވާ އިންވެސްޓްމެންޓް ޖޯން ކީލްސް ހޯލްޑިންގްސް އިން މިދިޔަ އަހަރު ބުނެފައިވެއެވެ.