ވިލާ އެއާ ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓުގެ ހިންގުން ރީޖަނަލް އެއާޕޯޓްސް އާ ހަވާލުކޮށްފި އެވެ.

އެއްބަސްވުމާ ޚިލާފުވުމުން ވިލާ އެއާގެ އަތުން ކާޑެއްދޫ އެއާޕޯޓު ނަގާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގައެވެ.

އެ މައްސަލައިގައި ވިލާއިން ވަނީ ސިވިލް ކޯޓުގައި އެއާޕޯޓު ނެގުން މަޑުޖައްސާލުމަށް ވަގުތީ އަމުރަކަށް އެދިފައެވެ. ވިލާއިން އެދުނު ގޮތަށް ސިވިލް ކޯޓުން އަމުރު ނެރުނު ނަމަވެސް، މިދިޔަ ފެބުރުއަރީ މަހު ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ އެ އަމުރު ބާތިލްކޮށް، ވިލާގެ އަތުން އެއާޕޯޓު ނެގީ ރަނގަޅަށް ކަމަށް ހުކުމްކޮށްފައެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް "ސަން" އަށް މިއަދު ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓުގެ ހިންގުން ސަރުކާރުން މިއަދު ރީޖަނަލް އެއާޕޯޓްސް އާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެއާޕޯޓާ ހަވާލުވުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، ނަމަވެސް އެއާޕޯޓު ހިންގާނީ ކޮންބައެއްކަން ސަރުކާރުން އަދި ނުނިންމާ ކަމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާގައި ދެމިތިބޭނެ ކަމަށްވެސް ސާމީ ވިދާޅުވި އެވެ.

ސާމީ މީގެ ކުރިން ވިދާޅުވެފައިވަނީ، ވިލާ އެއާއާ އެކު ވެފައިވާ އެއްބަސްވުން އުވާލާފައިވަނީ، ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެ ކުންފުނިން ޚިލާފުވެފައި ވާތީ ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އާ ހަވާލުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަަނަ ދުވަހުއެވެ. އަދި އެއަށް ފަހު ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމާ ސަރުކާރާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުމަކަށް ފަހު 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވަނީ އެ އެއާޕޯޓް އަތުލައިފައެވެ. ނަމަވެސް އެއަށް ފަހު ޖެހިގެން އައި ސެޕްޓެމްބަރު މަހުގެ ތެރޭގައި އަނެއްކާ ވެސް ވަނީ އެއާޕޯޓު ހިންގުން ވިލާ އެއާއާ ހަވާލުކޮށްފައެވެ.