ވެސްޓް ޕާކު ހިންގާ ބިން ކުއްޔަށް ދިނުމަށް ޔޮޓް ޓުއާސް އާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސިޓީ ކައުންސިލުން އަމަލުކޮށްފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ސާބިތު ނުވާތީ ބަދަލު ދޭން ނުޖެހޭ ގޮތަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ނިންމުމުން ޔޮޓް ޓުއާސް އިން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅައިފަ އެވެ.

ޔޮޓް ޓުއާސް އިން ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ އުފުލީ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮވެމެ، އެ ހައްގު ސިޓީ ކައުންސިލުން ނިގުޅައި ގެންފައި ވާތީ ކައުންސިލްގެ މައްޗަށް އެގޮތަށް އަމަލު ނުކުރުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ 30 ޖޫން 2005ގައި ވެސްޓް ޕާކު ކުއްޔަށް ދިނުމަށް ޔޮޓް ޓުއާސް އާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް މުއްދަތު ހަމަވުމުގެ ހަ މަސް ދުވަސް ކުރިން، ޔޮޓް ޓުއާސް އިން ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފައިވާ ކަން ސާބިތު ނުވާ ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މާލޭ ކައުންސިލާ މެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެބިން ބިޑް ކޮށްގެން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު، އެކަމާ ދެކޮޅު ހަދައި އެކަން ހުއްޓުވުމަށް ޔޮޓް ޓުއާސް އިން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.

އެހެންކަމުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، މުއްދަތު އިތުރުކޮށް ނުދިނުމަކީ ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާ ޚިލާފަށް މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ކަމެއްކަމުގައި ބަލާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަން އެނގެން އޮންނަ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އިން ހިންގަމުން އައި ވެސްޓްޕާކް ހުރި ބިން، ތަރައްގީކޮށްގެން ހިންގުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ، ކުރީގެ ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރަށް 10 އަހަރު ދުވަހަށް، 2012 ވަނަ އަހަރު ކުއްޔަށް ދީފަ އެވެ.