19:00


އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.


ޑޭވިޑް ކެމަރަންއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ނިމިދިޔަ އިނގިރޭސިވިލާތުގެ ޢާންމު އިންތިޚާބުގައި އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީން ހޯދި ކާމިޔާބީއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ޑޭވިޑް ކެމަރަންގެ ބޮޑުވަޒީރުކަމުގެ ދައުރުގައި އިނގިރޭސިވިލާތަށް ސިޔާސީ ގޮތުންނާއި އިޤްތިޞާދީގޮތުން އިތުރުކުރިއެރުންތައް ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.


ބޮޑުވަޒީރު ކެމަރަންގެ ސަރުކާރުގައި، އިނގިރޭސިވިލާތުގެ ޚާރިޖީ ސިޔާސަތު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި، ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކާއެކު އިނގިރޭސިވިލާތުން ގާތްގުޅުމެއް އުފައްދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ މައްސަލަތަކުގައި، އިނގިރޭސިވިލާތުން ވަރަށް މުހިންމު ދައުރެއް، ބޮޑުވަޒީރު ކެމަރަންގެ ޒަޢާމަތުގައި އަދާކުރަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.