06 Mar 2017, 20:56
ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ ރޮމޭންޓިކް ކޮމެޑީ ފިލްމު "މީ ލޯތްބަކީ"ގެ އެންމެ ކަމުދާ ޕޯސްޓަރެއް ބުނެދީގެން، ފިލްމުގެ ޕްރިމިއަރ ނައިޓްގެ ދެ ޓިކެޓް ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މުގާ) ބުނީ، "މީ ލޯތްބަކީ"ފޭސްބުކް ޕޭޖުގައިމިއަދު އާންމު ކުރި ޕޯޝްޓަރުގައި ހުރި ފޮޓޯތަކުން އެންމެ ކަމުދާ ފޮޓޯގެ ނަމްބަރު ކޮމެންޓު ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގާނެ ކަަމަށާއި ގުރުއަތުން ހޮވޭ ފަރާތަކަށް ޕްރިމިއަރ ޝޯގެ ދެ ޓިކެޓް ހިލޭ ލިބޭނެ ކަމަށެވެ. އަދި މި ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އޭނާ ބުންޏެވެ.
މިއީ އެ ފިލްމު ޕްރޮމޯޓް ކުރަން އެޅުނު ފުރަތަމަ ފިޔަވަޅެވެ. މީގެ ދެދުވަސް ކުރިން ވަނީ "މީ ލޯތްބަކީ"ގެ ފުރަތަަމަ ޕްރޮމޯޝަނަލް ލަވަ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.
މުގާ ބުނީ، ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ފިލްމުގެ އިތުރު ދެ ލަވައެއް ވަރަށް އަވަހަށް ރިލީޒް ވާނެ ކަމަށެވެ. އަދި ފިލްމު ޕްރޮމޯޓް ކުރަން އިތުރު ކަންތައްތަކެއް ކުރާނެ ކަަމަށް ވެސް އޭނާ ބުންޏެވެ.
"މީ ލޯތްބަކީ" އަކީ މިހާތަނަށް ފޭސްބުކްގައި ދިވެހި ފިލްމަކަށް ހަދާފައިވާ ޕޭޖްތަކުން އެންމެ ގިނަ ލައިކްސް ލިބުނި ފިލްމު ކަަމަށްވެސް މުގާ ވަނީ ފާހަގަ ކޮށްފައެވެ.

"މީ ލޯތްބަކީ" ގެ ޕޯސްޓަރެއްގައި އައްޒަ، ޖުމައްޔިލް އަދި އަމާން---
އައިޝަތު ފުއާދު ތައުފީގާއި އަލީ ޝިފާއު (ޗިއްޕެ)ގެ ސްކްރީންޕްލޭއަކަށް، ޗިއްޕެ ޑައިރެކްޓް ކުރާ " މީ ލޯތްބަކީ" ގެެ ޓިކެޓް އޮންލައިންކޮށް މިދިޔަ ބުދަ ދުވަހު ވަނީ ހުޅުވާލާފައެވެ. އަދި މި މަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުންވެސް ޓިކެޓް ގަންނަން ލިބޭނެ ކަމަށް މުގާ ބުންޏެވެ.
" އޮންލައިން ބުކިން އަށް ވެސް ވަރަށް ތަރުހީބު ރަނގަޅު. މިހާރު އޮތީ ފިލްމުގެ ފުރަތަމަ ޝޯ އެއްކޮށް ފުލްވެފަ. އޮލިމްޕަހުންވެސް މި މަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން ޓިކެޓް ގަންނަން ލިބޭނެ. ހަމަ އެ ދުވަހު ގުޅަން ފަށާނަން އޮންލައިން ކޮށް ބުކް ކޮށްފަ ހުރި ފަރާތްތަކަށް،" މުގާ ބުންޏެވެ.
އަމިއްލަ ރާގުގެ ހަ ލަަވަ ހިމެނޭ " މީ ލޯތްބަކީ" އިން ފިލްމީ ދާއިރާއަށް މުޅިން އާ ތަރިންތަކެއްވެސް ތައާރަފް ވެެގެން ދާއިރު ބޮޑު ކާސްޓެއް ހިމެނޭ އެ ފިލްމުގެ ލީޑު ރޯލު ކުޅެފައިވަނީ ދިވެހި ފިލްމީ ދާއިރާގެ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ތަރި މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލެވެ.