06 Mar 2017, 13:26
އަންހެނުންނާއި ޒުވާނުން ކުރިއެރުވުމުގައި ރައީސް ޔާމީން ވަނީ ހެޓްރިކް ހަދާފައި ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ފަރާތްތަކަށް ޓިކެޓް ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރަފިއްޔާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އަންހެނުން ބާރުވެރި ކުރުވުމަށް ކުރައްވާ މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށެވެ.
މިއަދުގެ ހަގީގަތަކީ ސިވިލް ސާވިސްގެ ވަޒީފާތަކުން ފެށިގެން ކުންފުނިތަކުގެ ބޯޑުތަކާއި ހަމައަށް އަންހެނުން ވާސިލުވެފައިވާކަން ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.
"ރައީސް ޔާމީން ވެރިކަމާ ހަވާލުވި އިރު ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެނުން ތިބޭ އިންސައްތައަކީ ތިން ޕަސެންޓް. މިއަދު ރައީސް ވިދާޅުވަނީ އެ ޕަސެންޓް 40 ޕަސެންޓަށް ހައްދަވައިދެއްވާނަމޭ." ރަފިއްޔާ ވިދާޅުވި އެވެ.
05 މާޗް 2017: އެމްޑީއޭގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް
ރައީސް ޔާމީން ވެރިކަަމަށް ވަޑައިގަތުމަށް ފަހު ދެމަފިރިން އެއްކޮށް ހޯދާފައި ހުންނަ މުދަލުގެ އެއްބައި އަންހެންނަށް ލިބިދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް އަލިއަޅުވާލައި ރަފިއްޔާ ވިދާޅުވީ ރައީސް ވަނީ އަންހެނުން ބާރުވެރި ކުރުވުމުން ހެޓްރިކް ހައްދަވާފައި ކަމަށެވެ.
ސަރުކާރު ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ނުކޮށް ވޯޓު ނުދީފިނަމަ މާދަމާ ގިސްލާ ރޯންޖެހިދާނެ ކަމަށް ރަފިއްޔާ ވަނީ ވިދާޅުވެފަ އެވެ.
އެމްޑީއޭ ޕީޕީއެމްގެ ގާތްގުޅުމަށް ރިއާޔަތްކޮށް ރަފިއްޔާ ވިދާޅުވީ ޕީޕީއެމްގެ އޮޑި ގާދޫކޮލުން ބޭރުވާން އެހީވެދިނީ އެމްޑީއޭ ކަމަށެވެ. އަދި މިހާރު ސަރުކާރުގައި އޮތް ހަމައެކަނި ކޯލިޝަން ޕާޓުނަރަކީ އެމްޑީއޭކަން ވެސް ރަފިއްޔާ ވަނީ ފާހަގަކޮށްފަ އެވެ.
"މި ރާއްޖޭގެ ތާރީހުގައި އެންމެ ގިނަދުވަހު ކޯލިޝަނެއްގައި ކެއްތެރިކަމާއި ހިއްތިރިކަމާއި އަދި އަމަލީ ނަމޫނާ ދައްކަމުންދާ ޕާޓީއަކީ އެމްޑީއޭ. އެކަމަށް ޓަކައި އެމްޑީއޭގެ ހިކުމަތްތެރި ލީޑަރަށް ޝުކުރު ދަންނަވަން." ރަފިއްޔާ ވިދާޅުވި އެވެ.