ރާއްޖޭގެ ފަންނާނުންގެ ތަރައްގީއަށް ހޭދަކުރުމަށް "އާޓްސް ޑެވެލޮޕްމަންޓް ފަންޑް"ގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އިން ހާއްސަ ފަންޑެއް ގާއިމް ކޮށްފި އެވެ.

އެމިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައިވަ ގޮތުގައި އެ ފަންޑަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ގައުމީ ތަރައްގީ ޕްލޭންގެ ދަށުން ތިން އަހަރު ތެރޭ ހާސިލްކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައްކުގެ ތެރޭ ހިމެނޭ ކަމެކެވެ.

އެ ފަންޑުން ހަރަދު ކުރުމުގައި ގެންގުޅޭނެ އުސޫލު ތަކެއްވެސް ޓުއަރިޒަމް މިނިސްޓަރަށް ލަފާދެއްވާ "އާޓްސް އެޑްވައިޒަރީ ކޮމެޓީ"ގެ މަޝްވަރާއާއެކު ވަނީ އެކުލަވާލައިފަ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ފަންޑާ ބެހޭ އިތުރު މައުލޫމާތު ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ލިބެން ހުންނާނެ ކަމަށާއި އެ ދާއިރާއަށް އެހީތެރިވެދޭން ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހަރަކާތްތަކެއް ވަރަށް އަވަހަށް ހިންގަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ފަންޑަށް ފައިސާ ޖަމާކުރުމަށް ބޭނުންވާ ފަރާތްތަކުން ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ނަންބަރު 0701 އެކައުންޓް މެދުވެރިކޮށް ފައިސާ ޖަމާ ކުރެއްވޭނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ. އެފައިސާ ޖަމާ ކުރާ ފަރާތްތަކަށް އެ ފައިސާ ހޭދަ ކުރެވޭ ގޮތުގެ ފުރިހަމަ ތަފްސީލް އަބަދުވެސް ލިބެން ހުންނާނެ ނިޒާމެއް ގާއިމް ކުރެވިފައި ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.