ޗެލްސީ ދެން ހިފެހެއްޓުމަކީ ވާނެ ކަމެއް ނޫން ކަމަށާއި މެންޗެސްޓާ ސިޓީ އޮތީ ޗެލްސީއަށް ވުރެ މާފަހަތުގައި ކަަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ރޭ ސަންޑަލޭންޑް އަތުން 2-0 މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުނީ، ޗެލްސީ އޮތީ ހިފެހެއްޓޭ ހިސާބަށްވުރެ ދުރުގައި ކަމަށެވެ.

"ޗެލްސީ ދެން އަތެއް ނުވާނެ. އެމީހުން އުޅެނީ އެހެން ޓީމުތަކަށްވުރެ ޕޮއިންޓުގެ ގޮތުން މާ ކުރީގައި،" ގާޑިއޯލަ ބުންޏެވެ.

އުމުރުން 46 އަހަރުގެ ކޯޗު ބުނީ، ސިޓީންވެސް ޕްރިމިއާ ލީގުގައި ދައްކަމުން އަންނަނީ ރަނގަޅު ކުޅުމެއް ކަމަށާއި މި ދުވަސްކޮޅުތެރޭ ކުޅޭ ހުރިހާ މެޗަކުން މޮޅުވެއްޖެނަމަ ލީގު ކާމިޔާބުކުރެވިދާނެ ކަމަށެވެ. އަދި އެންމެ މެޗަކުންވެސް ސިޓީ ބަލިވެއްޖެނަމަ އެހިސާބުން އެ ނިމުނީ ކަމަށް ވެސް އޭނާ ބުންޏެވެ.

"ޕްރިމިއާ ލީގާއި އެފްއޭކަޕް އަދި ޗެމްޕިއަންސް ލީގުގައިވެސް ކުރިއަށް މުހިއްމު މެޗުތަކެއް ހުރިއިރު މުޅި ޓީމަށްވެސް އެނގޭ ކުރިއަށް ހުރި މެޗުތަކުން ބަލިވެއްޖެނަމަ އަހަރަމެން މުބާރާތުން ބޭރުވާނެކަން،" ގާޑިއޯލާ ބުންޏެވެ.

ޕްރިމިއާ ލީގުގައި ސިޓީން ދެން ނިކުންނާނީ މާޗް މަހުގެ 9 ވަނަ ދުވަހު ސްޓޯކް ސިޓީއާ ދެކޮޅަށެވެ. ލީގުގައި ސިޓީ މިވަގުތު އޮތީ 55 ޕޮއިންޓާއެކުއެވެ. އެއްވަނާގައި އޮތް ޗެލްސީއަށް 63 ޕޮއިންޓް ލިބިފައިވާއިރު، 56 ޕޮއިންޓާއެކު ޗެލްސީއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ދެވަނާގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާއެވެ.