06 Mar 2017, 13:40
ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ތަމްރީނާއި މަތީ ތައުލީމުގެ ފުރުސަތު ހޯދައިދޭން ޕާކިސްތާނުގެ ނޭޝަނަލް ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ނަސްޓް)އާއެކު ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މަޝްވަރާ ކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ވަފުދެއް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ޕާކިސްތާނުގެ އިސްލާމު އާބާދުގައި ހުންނަ ނަސްޓުގެ ފެކަލްޓޯ އޮފް ޝޯޝަލް ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ފެކަލްޓީ އޮފް ސޯޝަލް ސައިންސް އެންޑް ހިއުމެނިޓީއަށް ޒިޔާރަތްކުރައްވާ އިސްވެރިންނާ މަޝްވަރާ ކުރައްވާފައިވެ އެވެ.
ނަސްޓަށް ކުރެއްވި އެ ޒިޔާރަތުގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓަރު އިންޓަނޭޝަނަލް ފާތިމަތު ލަހްފާގެ އިތުރުން ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީގެ ފުރަތަމަ ސެކްރެޓަރީ އަހުމަދު މުޖްތަބާ ބައިވެރިވި އެވެ.
މަޝްވަރާތަކުގައި ނަސްޓާއި ރާއްޖެއާ ދެމެދު ދިރާސާ ކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށާއި އެ ޔުނިވާސިޓީގައި ދިވެހިން ތަމްރީން ކުރުމުގެ ފުރުސަތު ހޯދުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތް ކަމަށް ނަސްޓުން ބުނެ އެވެ.
އަދި މިހާތަނަސް ދިވެހި ދަރިވަރަކު އެ ޔުނިވާސިޓީގައި ތައުލީމު ހާސިލްކޮށްފައިވާ ކަމުގެ މައުލޫމާތެއް ނެތުމުން ދިވެހިން އެ ޔުނިވާސިޓީއަށް ގެނައުމަކީ ޝައުގުވެރިވާ ކަމެއް ކަމަށް ނަސްޓުން ބުނެފައިވެ އެވެ.
މަޝްވަރާތަކުގައި ސީއެސްސީގެ ރައީސް ޝަމީމް ވަނީ ރާއްޖެއާ ޕާކިސްތާނާ ދެމެދު 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ގުޅުންބަދަހިވަމުން އައިސްފައި ވީނަމަވެސް ސިވިލް ސާވިސްގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުންބަދަހިކުރެވޭ މިއީ ފުރތަމަ ފަހަރުކަން ފާހަގަކުރެއްވި އެވެ.
ސާކްގެ ގައުމުތަކާ އަޅާބަލާއިރު ޕާކިސްތާނަކީ ކުރިއަރަމުން އަންނަ ސިވިލް ސާވިސްގެ ދާއިރާގައި މުއްސަނދި ތަޖުރިބާތަކެއް ހާސިލްކޮށްފައިވާ ގައުމެއްކަން ފާހަގަކުރައްވާ، ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޕާކިސްތާނުގައި މަތީ ތަޢުލީމުގެ ފުރުސަތު ލިބުމަކީ ވަރަށް އެދޭ އަދި ފައިދާކުރާނެ ކަމެއްކަން ޝަމީމް ވިދާޅުވި އެވެ.