06 Mar 2017, 13:30
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އާއި މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލައެންސް(އެމްޑީއޭ)ގެ ކޯލިޝަނުން ކާމިޔާބް ކުރާނީ މޯލްޑިވިސް ޑިމޮކްރެޓިވް ޕާޓީ(އެމްޑީޕީ) އަޖައިބްކޮށްލުމަށް ފަހު 80 ޕަސެންޓް ކާމިޔާބްކޮށްގެން ކަމަށް ނ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކަށް ޓިކެޓް ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތުމުގެ ސަބަބުން ސަރުކާރު ކޯލިޝަނަށް ކައުންސިލް އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބްކުރުމަކީ އެއްވެސް އުދަނގޫ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ލިބޭ ހިތާމައަކީ އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތުން. ޒިންމާދާރު އެއްވެސް ސިޔާސީ ޕާޓީއެއް ނެތް. ޖުމުހޫރީ ޕާޓީ އޮތީ ކަންޒެއްގެ ތެރެއަށްލާ ހުދު ކަފުނެކާ އެކު ކަފުންކުރެވިފައި. އަދާލާތު ޕާޓީ ދީނީ ފިގުހާއި ދީނީ ސުވާލުތަކުގެ ތެރޭގައި ގޮސް ކުރީ ޒަމާނުގައި އޮންނަ ގަދީމީ މަޒުހަބަކަށް ގޮސް ސިޔާސީ އެއްވެސް ކަމެއް ނުކުރެވިފައި. ސިޔާސީ މަސަތްކަތް ނުކުރެވެންޏާ ޕާޓީގެ ބޭނުމެއް ނެތް،" މައުރޫފް ވުދާޅުވި އެވެ.
އެމްޑީއޭގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް
އޭނާ ވިދާޅުވީ ކުރިން އެމްޑީޕީ ލޭބަލް ވެފައި އޮތީ އެންމެ ބޮޑު އެންމެ ވަރުގަދަ ސިޔާސީ ޕީޓީގެ ގޮތުގައި ކަމަށާއި ނަމަވެސް މިއަދު އެޕާޓީ ސިފަ ވަނީ ރޫހާނީ ލީޑަރެއްގެ ފަހަތުގައި ހަމައެކަނި އެނބުރޭ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑު މިރޭ އިދިކޮޅު ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ މާތް ރަސްކަލާންގެ ވާގިފުޅުން ލޯކަލް ކައުންސިލް އިންތިހާބު އަޅުގަނޑުމެން ކާމިޔާބްކުރާނީ އެމްޑީޕީ އަޖައިބުކުރުވަނިވި ގޮތަކަށް އަޅުގަނޑުމެން 80 ޕަސެންޓާއި އެކު،" އެމްޑީއޭގެ އެއް ނައިބް ލީޑަރުގެ ގޮތުގައި ވެސް ހުރި މައުރޫފު ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ޕީޕީއެމްއާ އެކު އެމްޑީއޭ އިން ކޯލިޝަން ހެދީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދުގެ ފިކުރާއި އަދި އޭރު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ފަހުން އިންތިހާބް ކާމިޔާބްކޮށް ރައީސްގެ މަގާމަށް އައި ރައީސް އަބްދުﷲ ޔާމިންގެ ފިކުރަކީ އެއެއް ފިކުރަކަށް ވުމުން ކަމަށެވެ،
"ދީނީ ގައުމީ ފިކުރެއް އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ. ލޯކަލް ކައުންސިލް އިންތިހާބް ކާމިޔާބުކުރުމަށް ފަހު އިރާދަފުޅު ކުރެއްވިއްޔާ 2018ގެ ރިޔާސީ އިންތިހާބް ކާމިޔާބު ކުރަނީ ރާއްޖޭގެ ރައްޔިތުން ދުވަހަކު ވެސް ރައީސަކު ނުހޮވާވަރަށް ވޯޓް ހޯދައިގެން،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯލިޝަނުން އުންމީދުކުރަނީ ރިޔާސީ އިންތިހާބު 90 ޕަސެންޓްގެ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށް 2023ގައި ވެސް ރައްޔިތުން ނިންމާ ގޮތް ނިންމުމުން އެ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.