06 Mar 2017, 13:49
ވާހަކަދެއްކުމަށާއި ލިޔުންތެރިކަމުގެ އިތުރުން ޅެންވެރިކަމަށް ކުޅަދާނަ އަދި ދިވެހި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދީބު، އިބްރާހިމް ޝިހާބްގެ ނަންފުޅުގައި ބާއްވާ ފުރަތަމަ ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ރޭ ފަށައިފި އެވެ.
ދިވެހި ބަހުގެ އެކެޑެމީ އާއި ޕީއެސްއެމް ގުޅިގެން ބާއްވަމުން އަންނަ އެ މުބާރާތުގެ 32 ވަނަ މުބާރާތް ފެށުމަށް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ހޯލުގައި ފެށި މުބާރާތް އިފްތިތާހުކޮށްދެއްވީ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރަފްވެރި މެހްމާން އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޝަހީމް ވަނީ، ބޭސްވެރިކަމާއި ޖިއޮގުރަފީ، ފިޒިކްސް އަދި ސޯޝަލް ސައިންސް ފަދަ ދާއިރާތަކާ ގުޅޭ ގޮތުން ދުނިޔޭގެ އެހެން ބަސްބަހުން ލިޔެފައި ހުންނަ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައިވެ އެވެ.
އަދި ރާއްޖޭގެ ސަގާފަތާއި އާދަކާދަ ކުރިއެރުވުމަށް ދިވެހި ބަހުގެ އެކެޑެމީގެ ފަރާތުން ހިންގަވާ ހަރަކާތްތަކުގެ އަގުވަޒަން ކުރައްވާފައިވެ އެވެ.
ތިން އުމުރުފުރާއަކުން ޖުމްލަ 299 ބައިވެރިންނާ އެކު އިއްޔެ ފެށި މުބާރާތުގައި ރާއްޖޭގެ 20 ސްކޫލަކުން ދަރިވަރުން ބައިވެރިވެ އެވެ. ބައިވެރިވި ސްކޫލްތަކުގެ ތެރެއިން އަތޮޅު ތެރެއިން މުބާރާތުގައި ބައިވެރިވި ސްކޫލްތަކަކީ މ. މަޑުއްވަރީ ސްކޫލާއި ރ. ހުޅުދުއްފާރު އަދި އައްޑޫގެ ތިން ސްކޫލެކެވެ.
މަތީ ތައުލީމް ކެޓަގަރީން ބައިވެރިވެފައި ވަނީ، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިތުރުން އެމްއެންޑީއެފް އިން ހިންގަމުން އަންނަ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އެވެ.
މިއީ މިހާތަނަށް އެ މުބާރާތުގައި އެންމެ ގިނަ އަދަދަކަށް ދަރިވަރުން ބައިވެރިވި އަހަރެވެ.
މުބާރާތް ބެހިފައިވާ ގޮތް
13 އަހަރުން ދަށުގެ އުމުރުފުރާ
- 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ
- 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާ
ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، މުބާރާތުގެ ފެންވަރު ރަނގަޅުކޮށް، ބައިވެރިންގެ ހުނަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެއްކޭނެ ގޮތް ހެދުމަށް މިއަހަރުގެ މުބާރާތަށް ވެސް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން، މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ ފައްސިޔަ ބުރާއި އަރުތަ ބުރެވެ.
ފައްސިޔަ ބުރުގައި، މިއަހަރު މުބާރާތުގެ ބައިވެރިންނަށް އެ ބައިވެރިއެއްގެ އުމުރުފުރާއަށް ދިވެހި ބަހުގެ އެކެޑެމީ އިން ދޭ މައުޟޫތަކަށް ވާހަކަދައްކާނެ އެވެ. އަދި ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅަށް ވާހަކަދައްކައިގެން އެންމެ މަތިން މާކުސް ލިބުނު 10 ދަރިވަރުން ދަތުރުކުރާނީ އަރުތަ ބުރަށެވެ.
އަރުތަ ބުރުގައި ވާހަކަދައްކާ ދަރިވަރުން ވެސް ވާހަކަދައްކާނީ ބައިވެރިއެއްގެ އުމުރުފުރައަށް އެކެޑެމީ އިން ދޭ ދޭ މައުޟޫއެއްގެ މައްޗަށެވެ. ނަމަވެސް މައުޟޫ ދޭނީ ބައިވެރިއަކު ވާހަކަދައްކަން އެރުމުންނެވެ.
ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ކުޅަދާނަ ދަރީންތަކެއް އުފެއްދުމާއި ތަފާތު މައިދާންތަކުގައި ދިވެހިބަހުން ފަސޭހަކާމާ އެކު ވާހަކަދެއްކުމުގެ ހުނަރާއި ގާބިލިއްޔަތު ހުރި ވާހަކަދެންކުންތެރީން އުފެންދުމަށް ބާއްވަމުން އަންނަ ވާހަކަދެއްކުމުގެ ގައުމީ މުބާރާތަކީ 1985 އިން ފެށިގެން މިއަދާ ހަމައަށް ގައުމީ ފެންވަރުގައި މެދު ނުކެނޑި ބާއްވަމުން އަންނަ މުބާރާތެކެވެ.