06 Mar 2017, 12:07
ކަރަންޓުން ސަބްސިޑީ ދެވެން ނެތް ކަމަށާއި އެއަށް ވުރެ ބޮޑެތި ކަންކަމަށް ސަބްސިޑީ ދޭން ޖެހޭ ކަަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ފަރާތްތަކަށް ޓިކެޓް ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކަރަންޓުން ސަބްސިޑީ ދެވެން ނެތް ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން "އެ ސަބްސިޑީއަށް ވުރެ ހައްގުކަން މާ ބޮޑެތި އެހެން ސަބްސިޑީތައް އެބަހުރި" ކަމަށް ރައީސް ވިދާޅުވި އެވެ. ތަނަވަސްކަން ކުޑަ މީހުންނަށް ބޭސްފަރުވާ ކުރުމަށް ފޯރުކޮށްދޭ އާސަންދައަކީ ސަބްސިޑީއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"މިދިޔަ އަހަރަށް އެކަނި ބަލާ ކަމަށް ވަންޏާ 800 މިލިއަން ރުފިޔާ އެއޮތީ އާސަންދައަށް ހަރަދުކޮށްފައި. އެއީ އާސަންދައިގެ ބޭހަށް ހޭދަކޮށްފައި. އޭގެ މާނައަކީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އެތައް 100 މިލިއަނެއް އެހުރީ ރާއްޖޭގައި މިހިރަ ހޮސްޕިޓަލުތަކަށް ހަރަދުކޮށްފައޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަންކަމަށް ސަބްސިޑީ ދޭން ސަރުކާރުގައި ލާރި ހުންނަން ޖެހޭ ކަމަށެވެ. އަދި ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުމަކީ އެންމެން ވެސް ބޭނުންވާ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ ކަރަންޓް އުފައްދާ ކުންފުންޏެއް މިވަރުގެ ބޮޑު ސަބްސިޑީގައި ހިންގަންޏާ ދެން ތިބޭފޫޅުންގެ ހިޔާލުފުޅަށް ގެންނަވާ. ރާއްޖޭގެ ތަރައްގީގެ ހުރިހާ މަޝްރޫއުތައް ހިންގަމުން ދެން ކިހިނެއްތޯ ކަރަންޓުދޭ ކުންފުންޏަށް ސަބްސިޑީ ދޭނީ،" ރައީސް ވިދާޅުވި އެވެ.
އެންމެ އިސްކުރަން ޖެހޭ ސަބްސިޑީއަކީ ބޭހާ ކާޑުގެ ސަބްސިޑީ ކަމަށްވާ އިރު ކަރަންޓުން ސަބްސިޑީ ނުދެވޭނެ ކަމަށް ރައީށް ވިދާޅުވި އެވެ.
ރައީސް ޔާމީން ސަރުކާރާ ހަވާލުވި އިރު ރާއްޖޭގެ ޖުމްލަ ދަރަނި 34000 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ އެތެރޭންނާއި ބޭރުން ނަގާފައި ހުރި ފައިސާ ކަމަށާއި "އެފައިސާ އަދާކުރަން ޖެހޭނެ" ކަމަށެވެ.
"އަޅުގަނޑުމެން ފެށިކީ އެއްވެސް ކަމެއް ރަނުގެ ތަބަކަކަށް ލާފައި ދީގެނެއް ނޫން. އަޅުގަނޑުމެން މައިނަސްއިން މި ފަށަނީ." ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެކުރިން ހުރިހާ ފަރާތްތަކަށް ކަރަންޓުން ސަބްސިޑީ ދިން ނަމަވެސް މިހާރު ސަބްސިޑީ ދެނީ ސަބްސިޑީއަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށެވެ.