އިޓާލިއާން ސީރިއާގެ ޕަލާމޯއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ޖާވިއާ ޕާސްތޯރަށް 44.5 މިލިޔަން ޕައުންޑްގެ ހުށަހެޅުމެއް ލިބިފައިވާކަމަށް އެކްލަބުގެ ރައީސް މޯރިޒިއޯ ޒަމްޕަރިނީވަނީ ބުނެފި އެވެ.

މިދިޔަ ހަފްތާގައި 22 އަހަރު ފުރުނު އާޖެންޓީނާ ފޯވާޑް ޕަލާމޯއަށް ބަދަލުވިފަހުން އެކްލަބަށް މޮޅު ކުޅުމެއް ދައްކައިދީ ބޮޑެތި ކްލަބްތަކުގެ ސަމާލުކަންވަނީ ދަމައިގެންފައެވެ.

ޕަލާމޯގެ ރައީސް ޒަމްޕަރިނީ 44.5 މިލިޔަން ޕައުންޑްގެ ހުށަހެޅުން ހުށަހެޅި ކްލަބް ބުނަން ބޭނުން ނުވިނަމަވެސް މީޑިޔާ ރިޕޯޓަކުން ބުނަމުންދަނީ އެހުށަހަޅުން ހުށަހަޅާނީ ރެއާލް މެޑްރިޑް، މެންޗެސްޓަރ ސިޓީ، މެންޗެސްޓަރ ޔުނައިޓެޑް ނޫނީ ޗެލްސީއިން ކުރެ ކޮންމެވެސް އެއް ޓީމަކުން ކަމަށެވެ.

މިދިޔަ ސީޒަންގައި އިޓާލިއާން ސީރިއާއަށް ކުޅުނު މިޑްފީލްޑަރު ޕާސްތޯރް 11 ލަނޑު ޖަހާފައެވެ. ޕާލާމޯގައި ޕާސްތޯރް މަޑުކުރާނެކަމުގެ އޮތީ ވަރަށް ކުޑަ ފުރުސަތެއް ކަމަށް އެކްލަބްގެ ރައީސް ބުންޏެވެ.

"ޕާސްތޯރް އަހަރެމެންނާއިއެކު މަޑުކުރާނެކަމުގެ އޮތީ އެންމެ 10 އިންސައްތައިގެ ފުރުސަތު. މިވަގުތު އޭނާ ހުރީ އާޖެންޓީނާ ގައުމީ ޓީމާއިއެކު ކޮޕާ އެމެރިކާގެ ފަރިތަކުރުންތަކުގައި. އަހަރެން ބަލަމުންމިދަނީ ތިން ނުވަތަ ހަތަރު ހުށަހެޅުން ޕާސްތޯރްއަށް ލިބޭނެކަމަށް." ޕަލާމޯގެ ރައީސް ޒަމްޕަރިނީ ބުންޏެވެ.

ބާވީސް އަހަރުގެ ޕާސްތޯރް ޕަލާމޯއިން 44.5 މިލިޔަން ޕައުންޑަށް ވުރެ ދަށް އަގަކަށް އެއްވެސް ކްލަބަކަށް ދޫނުކުރާނެ ކަމަށް އެކްލަބުގެ ރައީސް މޯރިޒިއޯ ޒަމްޕަރިނީ މީޑިއާ އަށް މިހަފްތާ ކުރީކޮޅުވެސް ބުނެފައިވެ އެވެ.