06 Mar 2017, 13:16
ކޮންމެ އަހަރެއްގެ ރޯދަމަހު މާލެއަށާއި އެކި ރިސޯޓުތަކަށް ގިނަ އަދަދެއްގެ ކަރާ ބޭރުކުރާ ތޮއްޑޫގެ ދަނޑުވެރިން މި އަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކަރާ ދަނޑުތައް ހެއްދުމަށް އެ ރަށުގެ ބޮޑު ސަރަހައްދަކުން ބިން ދޫކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް މިއަދު ވިދާޅުވީ މި އަހަރު ރޯދަ މަހަށް ކަރާހެއްދުމަށް އެ ރަށުން ޖުމްލަ 2،103،200 އަކަފޫޓުގެ ބިން ދޫކޮށްފައިވާ ކަމަށާއި މި އަހަރު ވެސް ބިން ދޫކޮށްފައި ވާނީ ހަމައެކަނި ތޮއްޑޫގެ ރައްވެހިންނަށް ކަމަށެވެ.
އެގޮތުން ތޮއްޑޫގެ 1912 މީހުންނަށް ކަރާހެއްދުމަށް ބިން ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އެއީ 114 ދަނޑު ކަމަށާއި މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 24ގެ ނިޔަލަށް ކަރާ ދަނޑުތަކުގައި ކަރާ އޮއް އިންދުމަށް ދަނޑުވެރިންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ގިނަ ދަނޑުވެރިންތަކެއް ކަރާ އިންދުމުގެ މަސައްކަތް ވީހާ ވެސް އަވަހަށް ފަށަން ބޭނުންވެފައިވާ ކަމަށް ހަސަން އިބްރާހީމް ވިދާޅުވި އެވެ.
ތޮއްޑޫ އިން ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް މާލޭގެ ބާޒާރަށް ގިނަ އަދަދެއްގެ ކަރާ އެތެރެކުރެ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް ރޯދަ މަހު އެރަށުން ވަނީ ގާތްގަނޑަށް 19،000 ޓަނުގެ ކަރާ މާލެއަށް ގެނެސްފަ އެވެ.
ދަންޑުވެރިންނަށް ބިން ދޫކޮށްފައި ވަނީ އެރަށުގައި ކަރާ އިންދަން ހާއްސަ ސަރަހައްދުންނެވެ. އެ ސަރަހައްދަކީ އެހެނިހެން ބާވަތްތަކުގެ ދަނޑުވެރިކަން ކުރާ ސަރަހައްދެއް ނޫން ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.