ޖަރުމަންގައި މިހާރު ކުރިއަށްދާ ފީފާ އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި އިއްޔެ 1-0 ލަނޑުން އޮސްޓޭލިއާ ބަލިކޮށް ބްރެޒިލްގެ ފެށުން ރަގަޅު ކޮށްފި އެވެ.

މިމެޗްގައި ބްރެޒިލްއިން ޖެހި އެޓީމްގެ ހަމައެކަނި ލަނޑު މެޗްގެ 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ރޮސަނާ އެވެ.

މީގެއިތުން މިގުރޫޕްގެ އިއްޔެ ކުޅުނު ދެވަނަ މެޗު، އިކްއެޓޯރިއަލް ގިނީގޯ އާއި ބައްދަލުކޮށް ނޯވޭ އިން ކާމިޔާބު ކުރީވެސް 1-0 ލަނޑުން ނެވެ. މެޗްގައި ނޯވޭ އިންޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗްގެ 84 ވަނަ މިނެޓުގައި އެމިލި ހާވިއެވެ.

ބްރެޒިލް އާއި ނޯވޭ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، ކޮންމެ ޓީމަކަށް ވެސް ތިން ޕޮއިންޓު ލިބިފައެވެ.

މިމުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ގުރޫޕް އޭ ގެ ދެމެޗެވެ. ފުރަތަމަ މެޗު ރާއްޖޭ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު ބައްދަލުކުރާނީ ނައިޖީރިއާ އާއި ޖަރުމަނެވެ. މިއަދުގެ މެޗަށް މިދެޓީމް ނުކުންނައިރު މުބާރާތުގައި ޖަރުމަން ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދާފައިވާއިރު، ނައިޖީރިއާ ވަނީ ފްރާންސާއެކު ކުޅުނު ފުރަތަމަ މެޗުން 1-0 ލަނޑުން ބަލިވެފައެވެ.

މި ގްރޫޕްގައި މިއަދު ކުޅޭ ދެ ވަނަ މެޗްގައި ބައްދަލުކުރާ ދެޓީމަކީ ކެނެޑާއާއި ފްރާންސް އެވެ. މެޗަށް މިދެޓީމް ނުކުންނައިރު ފްރާންްސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވިއިރު، ކެނެޑާވަނީ ޖަރުމަނާއެކު ކުޅުނު ފުރަތަމަ މެޗުން 1-0 ލަނޑުން ބަލިވެފައެވެ.

ސޯޅަ ޓީމު ވާދަކުރާ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވިފައި ވަނީ ޖަރުމަނުގެ އިތުރުން އެމެރިކާ އާއި ބްރެޒިލް އަދި އިންގްލެންޑާއި ސްވިޑް އާއި ނޯވޭ އެވެ. އަދި މިމުބާރަތުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކަށްވާނީ ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ބްރެޒިލްގެ މާތާ އެވެ.